ސަލްމާން ކައިވެނި ނުކުރަން ނިންމީ މިހެންވެ!

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ފޭސްބުކް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ކައިވެންޏެއް ނުކުރަން ނިންމީ ފިލްމު ޑައިރެކްޓަރު ސޫރަޖު ބަރުޖަތުޔާގެ ފިލްމުތަކުގެ ސަބަބުން ކަމަށް އެކްޓަރު ބުނެފިއެވެ.

ސަލްމާން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށްފަހު މިއަދާ ހަމައަށް ވެސް އިންޑަސްޓްރީގެ ކޮންމެވެސް ބަތަލާއަކާ އެކު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ދޭތެރެދޭތެރެއިން އިވެއެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ސަލްމާން ހުރީ ކައިވެންޏެއް ނުކޮށް ހުސްހަށިބައިކޮށެވެ. ތަންކޮޅެއް ކުރިން ސަލްމާން ބައިވެރިވި ގްލޯބަލް ސަމިޓެއްގައި ނޫސްވެރިޔަކު އެކްޓަރުގެ ކައިވެންޏާ ގުޅޭގޮތުން ސުވާލު ކުރުމުން ސަލްމާން ބުނެފައި ވަނީ އެކަން ނުކުރެވިގެން އުޅެނީ ފިލްމު ޑައިރެކްޓަރު ސޫރަޖު ބަރުޖަތިޔާގެ ސަބަބުން ކަމަށެވެ.

ރީތި ލޯބީގެ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ސޫރަޖުގެ ގިނަ ފިލްމުތަކަކީ އާއިލީ ފިލްމުތަކަށްވާއިރު އެ ފިލްމުތަކުގައި ކުރެވޭ ކައިވެނިތަކަށް ބޮޑެތި ޚަރަދުތައް ކުރާ މަންޒަރު ފިލްމުތަކުން ދައްކުވައިދެއެވެ.

ސަލްމާން ޚާން އަދި ކުރީގެ ބަތަލާ ސަންޖީތާ--ފޮޓޯ/ފިލްމުފެއަ

އޭގެ ނަތީޖާއެއްގެ ގޮތުން ފަހަކަށް އައިސް އިންޑިއާގައި ކުރެވޭ ކައިވެނިތަކަށް ހޭދަކުރާ ފައިސާގެ އަދަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސަލްމާނު ވަނީ ބުނެފައެވެ. ސަލްމާންގެ ބައްޕަ ކައިވެނި ކުރިއިރު ހޭދަކޮށްފައި ވަނީ އެންމެ 180 ރުޕީސް ކަމަށާއި ނަމަވެސް މިހާރު ކައިވެނިތަކަށް ކުރާ ޚަރަދުގެ އަދަދު ލައްކައިން ކްރޯޑަށް ބަދަލުވެފައިވާ ކަމަށް ސަލްމާނު ވަނީ ބުނެފައެވެ.

އެ ފެންވަރަށް ކައިވެންޏަށް ޚަރަދު ކުރުމުގެ ގާބިލްކަން ސަލްމާންގެ ނެތް ކަމަށާއި އެހެންވެ އެންމެ ރަނގަޅު ގޮތަކީ ހުސްހަށިބައިކޮށް ހުރުން ކަމަށް ސަލްމާން ވަނީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބުނެފައެވެ.

ސަލްމާން މިހާތަނަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިލްމީ ތަރިންގެ ތެރެއިން ކުރީގެ ބަތަލާ ސަންގީތާއާ އެކު އޮތް ގުޅުން ނިމުނީ ކައިވެންޏާ ހަމައަށް އެ ގުޅުން ގޮސް ކައިވެނީގެ ކާޑުތައް ވެސް ޗާޕުކޮށް ނިމުނު ފަހުންނެވެ.

އޭގެފަހުން ސަލްމާން ލޯބީގެ ގޮތުން ގުޅުނު ފިލްމީ ތަރިންގެތެރޭ އައިޝްވާރްޔާ ރާއީ އަދި ކެޓްރީނާ ކައިފް ހިމެނެއެވެ. ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނަމުން އަންނަނީ ރޮމޭނިއަން ތަރިއެއް ކަމަށްވާ އިއުލިއާ ވަންތޫރާއެވެ.

comment ކޮމެންޓް