މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ބޯޓުން ސަލާމަތްވި ވިޝްވާޝް ކުމާރާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ--ފޮޓޯ/ހިންދުސްތާންޓައިމްސް

މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ބޯޓުގައި ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރިންގެތެރެއިން ހަމައެކަނި ސަލާމަތްވި މީހާ ދަތުރުކުރި ސީޓު ނަމްބަރު 11އޭއާ ގުޅޭ ގޮތުން ވަރަށް ހޫނު ބަހުސްތަކެއް މީސްމީޑިއާގައި އަންނަނީ ކުރެވެމުންނެވެ.

ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގައި ދަތުރުކުރި އިންޑިއާގެ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރާމޭޝް ބުނިގޮތުގައި މަތިންދާ ބޯޓު ނައްޓާލިތާ 30 ސިކުންތު ތެރޭގައި ބާރުގަދަ އަޑަކާއެކު ބޯޓު ވެއްޓުނީއެވެ.

އެއަށްފަހު ބޯޓުން އެރި ބޯ ދުންތަކުގެ ތެރެއިން އޭނާއަށް ތެދުވެވުނުއިރު، މަރުވެފައިވާ މީހުންގެ ހަށިތައް ފެނުނު ކަމަށާއި އެހެންވެ އަވަސްވެގަތީ އެތަނުން ދުރަށް ދިއުމަށް ކަމަށް ވިޝްވާޝް ކުމާރު ވަނީ ބުނެފައެވެ.

ވިޝްވާޝް ކުމާރުގެ ފޮޓޯއާ އެކު އޭނާ ދަތުރުކުރަން ބޭނުންކުރި ބޯޑިންޕާސްގެ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު އޭނާގެ ސީޓު ނަމްބަރެއްގެ ގޮތުގައި ބުނެފައިވަނީ 11އޭއެވެ. އެހެންވެ އެ ސީޓަކީ މަތިންދާ ބޯޓުގެ އެންމެ ރައްކާތެރި ގޮނޑިތޯ ނުވަތަ ނޫންތޯ އަހައި ގިނަ ބަޔަކު އަންނަނީ ސުވާލުއުފައްދަމުންނެވެ.

މި ބަހުސްތަކާ ގުޅިގެން އޭވިއޭޝަން ދާއިރާގެ މާހިރުން ބުނެފައި ވަނީ މަތިންދާބޯޓުތަކަށް ދިމާވާ ކޮންމެ ހާދިސާއަކީ ވެސް ތަފާތު ހާދިސާއެއް ކަމަށެވެ. އެހެންކަމުން ފަސިންޖަރުން އިށީންނަ ސީޓު ނަމްބަރުގެ އަލީގައި އެ މީހެއްގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެ ކަމަށް އެމެރިކާގެ ފްލައިޓް ސޭފްޓީ ފައުންޑޭޝަންގެ ޑިރެކްޓަރު މިޝެލް ފޮކްސް ވަނީ ރޮއިޓާސްއަށް މައުލޫމާތު ދެއްވައިފައެވެ.

އެކި އެއާލައިންތަކުގައި ގޮނޑީގެ ނަމްބަރު ހުންނަގޮތް ތަފާތުވުމުން ރައްކާތެރި ގޮނޑިއެއްގެ ގޮތުގައި ވަކި ގޮނޑިއެއް ނިންމުމަކީ ނާދިރުކަމެއް ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބުނޭ--ފޮޓޯ/ދަހާޓީސޯލް

އެއާ އިންޑިއާ ބޯޓުން ސަލާމަތްވި ވިޝްވާޝް ވެސް ފާހަގަކުރި ގޮތުގައި މަތިންދާބޯޓު ވެއްޓުނީ އިމާރާތެއްގެ މައްޗަށް ކަމަށްވާއިރު، އޭނާ ހުރި ސީޓުން ނުކުންނަން އުޅުމުން އެއީ ހުރަހަކަށްވިއެވެ. ނަމަވެސް ފަސޭހައިން ބޭރަށް ނުކުމެވުނީ އޭނާ ހުރި ސީޓު ބޯޓުގެ އިމަޖެންސީ ދޮރާ ކައިރިވުމުން ކަމަށް ވިޝްވާޝް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ އޭވިއޭޝަން ކޮންސަލްޓިންގް ކުންފުނީގެ ޗެއާމަން ރޮން ބާޗް ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ވިޝްވާޝްއަށް އިނދެވުނީ އިމަޖެންސީ ދޮރާ ދާދިގާތުގައިއިން ސީޓެއްގައި ކަމުން އެ ދުވަހު ބޯޓުގައި ހިމެނުނު އެންމެ ރައްކާތެރި ގޮނޑިއަކީ 11އޭއެވެ. އެކަމަކު 11އޭ ސީޓަކީ ކޮންމެ މަތިންދާ ބޯޓެއްގެ ވެސް އެންމެ ރައްކާތެރި ސީޓު ކަމަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރޮން ބާޗް ވަނީ ވިދާޅުވެފައެވެ.

ކޮންމެ އެއާލައިނަކީ ވެސް އޭގެ އިންޓީރިއާ އަދި މޮޑެލް ތަފާތު އެއާލައިނަކަށް ވުމުން އެންމެ ރައްކާތެރި ސީޓުތައް ކަނޑައެޅުމަކީ ނާދިރު ކަމެއް ކަމަށް ރޮން ބާޗް ވަނީ ބުނެފައެވެ.

ބައެއް މީހުން ބުރަވާގޮތުގައި މަތިންދާބޯޓުގެ ކުޑަދޮރާ ދިމާލަށް ހުންނަ ގޮނޑިތަކަކީ ރައްކާތެރި ގޮނޑިތަކެއް ނަމަވެސް އަނެއްބަޔަކު ބުރަވާ ގޮތުގައި ބޯޓުގެ ރައްކާތެރި ގޮނޑިތަކަކީ ފަހަތުގައި ހުންނަ ގޮނޑިތައް--ފޮޓޯ/ދަހާޓީސޯލް

މީގެ އިތުރުން، ބޯޓުން ނިކުންނަން އިންނަ ދޮރު ކައިރީގައި ހުންނަ ސީޓުގައި އިނުމަކީ ނުވަތަ އިމަޖެންސީ ދޮރާ ކައިރި ސީޓެއްގައި އިނުމަކީ ތިމާގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސިޑްނީގެ އޭވިއޭޝަން ކޮންސަލްޓިންގް ކުންފުނީގެ ޗެއާމަން ރޮން ބާޗް ވަނީ ބުނެފައެވެ.

ރޮއިޓާސްއިން 2007 ވަނަ އަހަރު ޕޮޕިއުލާ މެކޭނިކްސްގެ ނަމުގައި ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މަތިންދާ ބޯޓުގެ އެންމެ ރައްކާތެރި ސީޓަކީ ބޯޓުގެ އެންމެ ފަހަތުގައި ހުންނަ ސީޓުތައް ކަމަށް ބައެއް މީހުން ބުރަވާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެންމެ ރައްކާތެރި ސީޓަކީ ބޯޓުގެ ފިޔަގަނޑާ ދިމާލަށް ހުންނަ ސީޓެވެ.

މަތިންދާ ބޯޓުގައި ހިނގާ ގިނަ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ އެ އެއާލައިނަކުން ރައްކާތެރިވުމަށް ކަނޑައަޅާފައި ހުންނަ ގަވައިދުތަކަށް ބޯލެނބުން ކަމަށް އޭވިއޭޝަން ދާއިރާގެ މާހިރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް