ކޮޕާ ޑެލްރޭން ކަޓައި ރެއާލްއަށް ހިތްދަތިކަން

ރޭގެ މެޗުން ބަލިވެ ރެއާލްއަށްވަނީ މި ސީޒަންގައި ޓްރޮފީއެއް ހޯދުމަށް އިތުރު ދަތިތަކަކާ ކުރިމަލާން ޖެހިފައި --- ފޮޓޯ/އޭޕީ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ކަޓައި ރެއާލް މެޑްރިޑަށް އިތުރު މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ވޭތުވެދިޔަ ދެ ސީޒަންގެ ތެރޭގައި ޖެހިޖެހިގެން ދެފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލި ރެއާލް މި ސީޒަންގައި ފެންނަނީ ވަރަށް ބޮޑަށް ފޯމް ކަޓާފައިވާ ޓީމެއްގެ ގޮތުގައެވެ. ލީގުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން އެޓީމަށްވަނީ ލީގު ހޯދުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިފައެވެ. އެގޮތުން ލީގުގެ ހަތަރުވަނައިގައި ރެއާލް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ 19 ޕޮއިންޓުގެ ފަރަގެއްގައެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލްގެ މައްޗަށް ލިގޭންސް ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގައި ރަށުން ބޭރު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް، ރޭގެ މެޗުގެެ ނަތީޖާއާއެކު ދެ ލެގު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ލިގޭންސް ރެއާލްގެ މައްޗަށް ކުރިހޯދީ އަވޭ ލެގު ގޯލުންނެވެ.

ރޭގެ މެޗުގައި ރެއާލްއަށް ގޯލް ޖަހައިފިން ބެންޒެމާ --- ފޮޓޯ/އޭޕީ

ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި އިރާސޯގެ ގޯލާއެކު ލިގޭންސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ބެންޒެމާގެ ގޯލުން ރެއާލްވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ލިގޭންސްވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގައިފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޕެލްޓް ޕިރެސްއެވެ.

ލިގޭންސް ރޭގެ މެޗަށްފަހު އުފާފާޅުކުރަނި --- ފޮޓޯ/އޭޕީ

ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ލިގޭންސް މީގެކުރިން މޮޅުވެފައެއް ނުވެއެވެ. ރެއާލްވަނީ 19 ފަހަރަށް ކޮޕާ ޑެލްރޭ މުބާރާތް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް