ހަތްދިހަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ، ހަތް ދުވަސްތެރޭ ދައުލަތަށް ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ފިނޭންސް މިނިސްޓްރީން އަންގައިފިވާ އެންގުން ބާތިލްކޮށްފިއެވެ.
އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ ރިޕޯޓަކާއި ގުޅިގެން އަދީބް އަތުން ހަތްދިހަ ހަތަރު މިލިއަން ސޯޅަ ހާސް ރުފިޔާ ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީން އެންގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މުހުލަތެއް ދިން ނަމަވެސް އަދީބު އެ ފައިސާ ދައްކަވާފައެއް ނުވެއެވެ.
އެ ސިޓީގައި ބުނެފައިވާގޮތުން އަދީބު ދައުލަތަށް ދައްކަވަންޖެހެނީ ނަސަންދުރާ ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުންޏަށް އެ ތަން ތަރައްގީކުރަން ދިން މުއްދަތު ގަވާއިދާ ޚިލާފަށް 50 އަހަރަށް އިތުރުކޮށްދީފައިވާ މައްސަލައާ ގުޅިގެން ދައްކަވަންޖެހޭ ފައިސާއެވެ.
ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ސޮއިކުރައްވައި އަހްމަދު އަދީބަށް ފޮނުއްވި ސިޓީގައި ވަނީ އެންޓި ކޮރަޕްޝަނުގެ ރިޕޯޓް އަލުން މުރާޖައާ ކުރަމުންދާކަމަށް އެކޮމިޝަނުން އަންގާފައިވާތީ އަދީބަށް ފޮނުވި ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެ ނޯޓިސްއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފައެވެ.