ޑރ. މަޖީދު ފަސްދާނުލައިފި

ޑރ. މަޖީދުގެ ޖަނާޒާގެ ތެރެއިން ---- ފޮޓޯ: ސޯސަލް މީޑިއާ

އިއްޔެ މެންދުރު އަވަހާރަވި ދީނީ އިލްމްވެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ސްރީލަންކާގައި ފަސްދާނުލައިފިއެވެ.

ޑރ. މަޖީދުގެ ޖަނާޒާ ބާއްވާފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގެ ޖާވައްތަ ގަބުރުސްތާނުގައެވެ. މިއަދު މެންދުރު ނަމާދަށްފަހު ކުރިއަށް ގެންދިޔަ ޖަނާޒާގައި ކުރީގެ ރައީސް މަހައްމަދު ނަޝީދާއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ލަންކާގައި ދިރިއުޅޭ ގިނަ ދިވެހި ރައްޔިތުން ބައިވެރިވިއެވެ.

ޑރ. މަޖީދުގެ ޖަނާޒާގައި ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އިތުރު ބަޔަކު މަޑުކޮށްލައިގެން ---- ފޮޓޯ: ސޯސަލް މީޑިއާ

ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު ދެ ހަރަމްފުޅުގެ އިތުރުން އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭ ކުރާނެ ކަމަށް އާއިލާއިން ބުނެއެވެ.

އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު މިސްކިތްތަކުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޑރ. މަޖީދު ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުގެ ސަބަބުންނެވެ. އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވީ އިރު އުމުރުފުޅަކީ 55 އަހަރެވެ.

comment ކޮމެންޓް