އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް (25 އަހަރު) އަންނަ އޯގަސްޓް މަހު އިންޑިއާ އަށް ޓުއާ އަކަށް ދިޔުމަށް ހަމަޖެހުނު އިރު، އެ ޓުއާގައި އިންޑިއާގެ އެކި ހިސާބުތަކުގައި ޝޯތަކެއް ދިނުމަށް ނިންމައިފިއެވެ.
"ވަން ޑިރެކްޝަން" ބޭންޑުގައި ހަރަކާތްތެރިވި ޒުވާން ލަވަކިޔުންތެރިޔާގެ ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީ، ހައިދަރްބާދް، ކަލްކަތާ އަދި ނިއު ދިއްލީގައިއެވެ.
އިންޑިއާގައި އޭނާގެ ޝޯތަކެއް ހުށައެޅުމަށްފަހު ނޭޕާލްގައި ވެސް އޭނާގެ ޝޯ ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ޓުއާ އިންތިޒާމް ކުރާ ޖޭޕީއާރް އިވެންޓްސްގެ ޑިރެކްޓަރު ސުނިލް ހަމަލް ބުނީ ޝޯ ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށާއި ނަމަވެސް އަންނަ އޯގަސްޓް މަހު ޝޯ ބާއްވާނެކަން ކަށަވަރުކަމަށެވެ.
ތާރީޚެއް ކަނޑައެޅުމަށްފަހު އިއުލާނުކުރާނެ ކަމަށާއި "ވަން ޑިރެކްޝަން" ބޭންޑްގެ ލަވަކިޔުންތެރިން ގެންނަން މަސައްކަތް ކުރި ނަމަވެސް އެކަން އަދި މަގުފަހިވާ ގޮތެއް ނުވާކަމަށެވެ.
"އެ މީހުން މިހާރު މަސައްކަތް ކުރަނީ ސޯލޯ ކޮށް. އެހެންވެ ދަތި އެ ލަވަކިޔުންތެރިން ގެންނަން،"
އޭނާގެ ބޭންޑް "ވަން ޑިރެކްޝަން"އިން ވަކިވީ 2015 ވަނަ އަހަރުގައެވެ. އެންމެ ފަހުން އޭނާ ނެރުނު ލަވައަކީ "އެންޓަޓެއިން"އެވެ. އެއީ މިދިޔަ މަހު ނެރުނު ލަވައެކެވެ.