މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން މަހާޖައްރާފު އެ ރަށުގައި ބަނދަރުކޮށްފި

މާފިނޮޅު ---

ހއ. މާފިނޮޅުގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފު އެ ރަށުގައި ބަނދަރު ކޮށްފިއެވެ.

މާފިނޮޅުގައި އެއާޕޯޓު ތަރައްގީ ކުރަން ރީޖަނަލް އެއާޕޯޓްސް އިން ހުޅުވާލާފައިވަނީ މާޗް މަހުއެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/102568

ހއ. ހޯރަފުށީ ކައިރީ އޮންނަ މާފޮނިޅު އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މަހާޖައްރާފު އެ ރަށަށް ބަނދަރު ކޮށްފައިވަނީ އިއްޔެ އެވެ. ހޯރަފުށީ ކައުންސިލުގެ މެންބަރު އަލީ ނަސީރު އާދަމް ވިދާޅުވީ، ބިން ހިއްކުމުގެ މަޝައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި އެ މަޝްރޫއު ފައްޓަވައިދެއްވާގޮތަށް ހަމަޖެހިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ނަމަވެސް މޫސުން ތަން ނުދޭތީ މިއަދު އެ ސަރަހައްދަށް ރައީސް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ލަސް ކުރެއްވުމުން ލަފާކުރެވޭ ގޮތުގައި ދެން އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ކަމަށް ނަސީރު ވިދާޅުވިއެވެ.

https://sun.mv/106075

އެމްޓީސީސީ އިން ބުނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއް މަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.

މާފިނޮޅުގައި ތަރައްގީ ކުރާ އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ. މާފިނޮޅުގައި އަޅާ އެއާޕޯޓް އެޅުމަށް ހިއްކަނީ 16 ހެކްޓަރުގެ ސަރަހައްދެކެވެ.

މިހާރު ވެސް އެމްޓީސީސީއިން އަންނަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް އަދި ގދ. މާވަރުލު އެއާޕޯޓްގެ މަސައްކަތެވެ.

comment ކޮމެންޓް