ހޮލީވުޑްގެ ތަރި އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ވެސް ހިންދީ ލަވައެއް ކިޔުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ސެލީނާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުން ލަވަކިޔުންތެރިންނަށް ވެސް ފޮލޯ ކުރާ މީހެއް ކަމަށެވެ.
ސެލީނާ ބުނީ ހިންދީ ލަވަތަކަކީ އަބަދު ވެސް ކިޔާލަން ބޭނުންވާ ކަހަލަ ލަވަތަކެއް ކަމަށާއި އެންމެ މަސައްކަތްކޮށްލާ ހިތްވަނީ މިއުޒީޝަން ރަހްމާން އާ އެކީ ކަމަށެވެ.
"ވަރަށް ކަމުދާ ލަވަކިޔުންތެރިން އެބަތިބި ބޮލީވުޑްގައި ވެސް. ރަހްމާން އާ އެކީ އެންމެ ބޮޑަށް މަސައްކަތްކޮށްލަން ބޭނުން ވަނީ. ހިންދީ ލަވައެއް ކިޔާލަން ލިބިއްޖެ ނަމަ ބޭނުން ހިފާނަން،" ސެލީނާ ބުންޏެވެ.
ކުޅަދާނަ ލަވަކިޔުންތެރިޔާ ޒޭން މާލިކް ވެސް ވަނީ ދާދިފަހުން ހިންދީ ލަވައެއް ކިޔުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޒޭން ވަނީ އޭނާ ކިޔައިފައިވާ ހިންދީ ލަވައެއްގެ ކަވާއެއް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.
ޒޭން ކިޔާފައި ވަނީ 2006 ވަނަ އަހަރު ރިލީޒް ކުރި، ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ކެއިލާޝް ޚޭރުގެ އެންމެ ހިތްގައިމު އެއް ލަވަ، "ތޭރީ ދީވާނީ" އެވެ.