ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މީހުން ރޭ ވަނީ އެއް ގަޑި އިރާއި 43 މިނިޓުހާ އިރު އުޑުމަތިން ފެނުނު އާދަޔާ ހިލާފު މަންޒަރަށް ބަލަން ހޭދަކޮށްފަ އެވެ. އެއި މިގަރުނުގެ އެންމެ ދިގު ހަނދުކޭތައިގެ ގޮތުގައި ސިފަކޮށްފައިވާ ކޭތަ ބެލުމުގައި އެވެ.
ރޭ ބްލަޑް މޫންއެއްގެ ގޮތުގައި ފެނިގެން ދިޔަ ކޭތަ ވަނީ ޔޫރަޕާއި އެފްރިކާ އާއި މެދުއިރުމައްޗާއި އޭޝިއާ އާއި އޮސްޓްރޭލިއާއަށް ފެނިގެންގޮސްފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ގައުމުތަކަށް ވަނީ ހަނދު ފޮރުވިފަ އެވެ.

އަބޫ ދާބީގެ ޝޭހް ޒައިދް ގްރޭންޑް މިސްކިތް ކައިރިން ބްލަޑް މޫން ފެނިގެން ދިޔަގޮތް -- ފޮޓޯ: ރޮއިޓާސް
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

ސުވިޒަލޭންޑުގެ ބްލަޑް މޫން ފެނިގެންދިޔަ ގޮތް -- ފޮޓޯ: އީޕީއޭ
ހަނދު ކޭތަ ހިފާފައިވާ އިރު ހަމަލޮލުން ހަނދަށް ބެލިނަމަވެސް ލޮލަށް އެއްވެސް ގެއްލުމެއް ނުވާނެ އެވެ. ސަބަބަކީ ހަނދަކީ އޭގެ ޒާތުގައި އަލިކަން ނެތް އެއްޗަކަށްވެފައި ހަނދުން ފެންނަ އަލިކަމަކީ އިރުން އެޅިފައިވާ އަލީގެ ސަބަބުން ފެންނަ އަލިކަމަކަށް ވާތީ އެވެ.

އުރުދުންގެ ވެރިރަށް އައްމާންއިން ބްލަޑް މޫން ފެނިގެން ދިޔަ ގޮތް -- ފޮޓޯ: ރޮއިޓާސް
ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެހަނދުކޭތަ ވެސް ޔޫރަޕާއި އޭޝިއާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.