ދެހާސްއަށް ވަނަ އަހަރު ބެލުންތެރިންނާ ހަމަޔަށް އައި "ރޭސް"ގެ ތީމް ލަވަ "ﷲ ދުހާއީ ހޭ"ގެ ކަވައެއް މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އާންމުންނަށް ދޫކޮށްލީ މިދިޔަ ހަފްތާތެރޭގައެވެ.
"ރޭސް"ގެ ކޮންމެ ސީކުއެލް އެއްގައި އެ ލަވައިގެ ރީމޭކެއް ހިމެނެއެވެ. ޒޭންގެ އަޑުން އެ ލަވަކިޔުމަކީ ހޮލީވުޑް ލަވަކިޔުންތެރިންނަށް ލިބުނު ހިއްވަރެއް ކަމަށާއި އެ ލަވަ ކަމުދިޔަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
މި ލަވައަކީ ޒޭންގެ ފޭނުންނަށް ދޫކޮށްލި ހަދިޔާއެކެވެ. ލަވަ ޔޫޓިއުބަށް އަޕްލޯޑުކުރިތާ ހަފްތާއެއްގެ ތެރޭގައި އެ ލަވައަށް ވަނީ 7.1 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ. އޭނާގެ ލަވަތަކަށް ލޯބިކުރާ އެތައް ބަޔަކު ވަނީ އެ ލަވަ ކަމުގޮސްގެން ޒޭންއަށް ތައުރީފްކޮށްފައެވެ.
ޒޭން ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަކީ ބޮލީވުޑްގެ ފޭނެއްކަމަށާއި ބޮލީވުޑްގެ ލަވަތަކަކީ އަބަދުވެސް އަޑުއަހާ ރީތި ލަވަތަކެއް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ހިންދީ ލަވައެއް ކިޔާލުމަކީ އޭނާގެ ހުވަފެނެއްކަމަށް އޭނާ ކުރިން ވަނީ ބުނެފައެވެ.
"ވަން ޑައިރެކްޝަން" ބޭންޑުން ވިދާލައި، ބޮޑު މަގުބޫލުކަމެއް ހޯދި ޒޭން 2015 ވަނަ އަހަރު އެ ބޭންޑު ދޫކޮށްލައި، ސޯލޯ ކެރިއަރެއް ވަނީ ފަށައިފައެވެ. އެގޮތުން 2016 ވަނަ އަހަރު "މައިންޑް އޮފް މައިން"ގެ ނަމުގައި ޑެބިއު ސޯލޯ އަލްބަމެއް އޭނާ ނެރުނު އިރު، އޭގެ ލީޑް ސިންގަލް "ޕިލޯޓޯކް" ވަނީ އެމެރިކާ އަދި ޔޫކޭގެ ޗާޓުތަކުގައި ރަސްކަން ކޮށްފައެވެ.