ކާރު އަދި ސައިކަލުގެ ރޭސް ޖަހާނެ ހާއްސަ ޓްރެކެއް ނެތި ގައުމީ ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ކުޅިވަރެއް ވެސް ސަރުކާރުން ނަގާނީ ސީރިއަސްކޮން ކަމަށާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ކުރިން މުބާރާތަށް ފަރިތަކުރުމަށް ނެތް ވަސީލަތްތައް ވެސް ބިނާ ކުރަން ޖެހޭ ކަމަށެވެ.
"ރޭސިންގް ޓްރެކެއް ނެތިސް ގައުމީ ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ. ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް، ބޭރުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ކުރިން ނެތް ވަސީލަތްތައް ގާއިމު ކުރަން ޖެހޭ،" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
މަހްލޫފް މިހެން ވިދާޅުވީ މިވަގުތު ރާއްޖޭގެ ރޭސް ޖެހުންތެރިންތަކެއް ލަންކާގައި އޮންނަ ރޭސް އިވެންޓެއްގައި ބައިވެރިވެފައި ވާއިރު އެ އެތުލީޓުންނަށް ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެ ފާޑު ކިއުންތަކެއް ސަރުކާރަށް އަމާޒު ކުރަމުންދަނިކޮށެވެ.
މަހްލޫފްގެ ޓްވީޓުގައި އޭނާ ވަނީ ލަންކާގައި އޮތް މުބާރާތުގައި ރޭސް ޖެހުމަށް ދިޔަ ރޭސަރުންނަށް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވުމަށް ލަންކާއަށް ދިޔަ ރޭސް ޑްރައިވަރު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް 1 ފެބްރުއަރީގައި އޯޑަރު ދިން ގޮތަށް ހެކިބަސް ދިން ގޮތަށް ޔޫސުފް މާޒިން [ރޭސް ޑްރައިވަރެއް] ބޭނުން ވަނީ ރޭސިންގް ގެ ކުރި މަރާލަން ކަމަށެވެ.
ރޭސް ޑްރައިވަރު ޔޫސުފް މާޒިން މީގެ ކުރިން ކުރި ޓްވީޓެއްގައި ބުނީ އެ ގުރޫޕް ލަންކާގައި އޮތް މުބާރާތަށް ދިއުމުގެ ކުރިން މަހްލޫފާއި ބައްދަލު ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.
"ރާއްޖޭގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފަށް ރޭސިންގް ޓީމް ރޭސް ޖެހުމަށް ލަންކާއަށް ފުރި އިރުވެސް ބައްދަލު ނުކުރެވުން. ވަރަށް ލަދުވެތި ކަމެއް މީ ސަރުކާރަށް ހުރި." މާޒިންގެ ޓްވީޓުގައި އޭނާ ބުންޏެވެ.
ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ރޭސް ޑްރައިވަރުން އެބަތިއްބެވެ. އެގޮތުން ރާއްޖޭގައި މިވަގުތު 5 ރޭސިންގ ކްލަބް އޮތް އިރު 13 ރޭސިންގް ޓީމު އޮވެއެވެ.