އެންމެ ފަހުން މަހްލޫފާއި ރޭސިންގް އެސޯސިއޭޝަން އެއް މޭޒަކަށް

ރާއްޖޭގެ ރޭސިންގް އެސޯސިއޭޝަނުގެ އިސްވެރިންނާއި ކުޅިވާރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ބައްދަލު ކުރައްވަނީ --- ފޮޓޯ// ޔޫތް މިނިސްޓްރީ

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާއި ރާއްޖޭގައި އުފެދިފައި އޮތް މޮޓޯ ރޭސިންގް އެސޯސިއޭޝަނާއި ދެމެދު ޓްވިޓާ ތެރޭ ހިނގި ކުޑަ ވަރެއްގެ ފިނި ހަނގުރާމަ ނިމުމަކަށް ގެނެސް ދެފަރާތް ރަސްމީކޮށް ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

ދާދި ފަހުން ލަންކާގައި އޮންނަ ރޭސިން އިވެންޓެއްގައި ބައިވެރިވުމަށް ރާއްޖޭގެ ރޭސް ޑްރައިވަރުންތަކެއް ގޮސްފައިވާ އިރު ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަދި އެއްބާރުލުމެއް ވެސް ނުލިބޭ ކަމަށް ބުނެ ރޭސިންގް އެސޯސިއޭޝަނުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.

އެ އެސޯސިއޭޝަނުން އޭރު ބުނި ގޮތުގައި އެ އެސޯސިއޭޝަނުން އިސްނަގައިގެން ލަންކާގައި އޮތް މުބާރާތަށް ދިއުމުގެ ކުރިން މަހްލޫފާއި ބައްދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

"ރާއްޖޭގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފަށް ރޭސިންގް ޓީމް ރޭސް ޖެހުމަށް ލަންކާއަށް ފުރި އިރުވެސް ބައްދަލު ނުކުރެވުން. ވަރަށް ލަދުވެތި ކަމެއް މީ ސަރުކާރަށް ހުރި." ލަންކާގައި އޮތް މުބާރާތުގައި ބައިވެރިވާ ޑްރައިވަރެއް ކަމަށްވާ ޔޫސުފް މާޒިން ކުރި ޓްވީޓުގައި އޭނާ ބުންޏެވެ.

ނަމަވެސް އެފަދަ ފާޑު ކިޔުންތަކުގެ ޓްވީޓުތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ ކޮންމެ ކުޅިވަރެއް ވެސް ސަރުކާރުން ނަގާނީ ސީރިއަސްކޮން ކަމަށާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ކުރިން މުބާރާތަށް ފަރިތަކުރުމަށް ނެތް ވަސީލަތްތައް ވެސް ބިނާ ކުރަން ޖެހޭ ކަމަށެވެ.

https://sun.mv/123666

"ރޭސިންގް ޓްރެކެއް ނެތިސް ގައުމީ ރޭސިންގް އެސޯސިއޭޝަނެއް ނުހެދޭނެ. ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް، ބޭރުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ކުރިން ނެތް ވަސީލަތްތައް ގާއިމު ކުރަން ޖެހޭ،" މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ޓްވިޓާގައި އެއްފަރާތުން އަނެއް ފަރާތަށް އަމާޒު ކުރި ބަހުގެ ހަމަލާތަކަށް ފަހު ރޭސިންގް އެސޯސިއޭޝަނުގް އިސްވެރިންނާއި މަހްލޫފް މިހާރު ވަނީ އެއްމޭޒަކަށް އަރައި އެ ކުޅިވަރު ރާއްޖޭގައި ކުރިއެރުވޭނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފަ އެވެ.

ޔޫތް މިނިސްޓަރީގައި ހޮނިހރު ދުވަހު އޮތް ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފް ވަނީ މޯލްޑިވްސް މޮޓޯ ރޭސިންގް އެސޯސިއޭޝަންގެ ޗެއާމަން އާއި ސެކެރެޓަރީ ޖެނެރަލްގެ އިތުރުން ސްރީލަނަކާގައި އޮންނަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޑްރައިވަރުންނާ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފް ވަނީ ލަންކާގެ މުބާރާތުގައި ވާދަކުރާ ދިވެހި ދުއްވުންތެރިންނާ ބައްދަލު ކުރައްވާ މުބާރާތުން ރަނގަޅު ކާމިޔާބީ އެއް ހޯދުމަށް އެދިލައްވައިފަ އެވެ.

ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ރޭސް ޑްރައިވަރުން އެބަތިއްބެވެ. އެގޮތުން ރާއްޖޭގައި މިވަގުތު 5 ރޭސިންގް ކްލަބް އޮތް އިރު 13 ރޭސިންގް ޓީމު އޮވެ އެވެ.

comment ކޮމެންޓް