އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 27، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 25، އަށް ކުއްޖަކު ލިބެން އުޅޭކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުގައި ޖީޖީގެ ބަނޑަށް މިހާރު ފަސް މަހެވެ. ބޭރުގެ މީޑީއާ އަކަށް ޒޭންގެ އާއިލާ އާ ގާތް މީހަކު ބުނީ ޖީޖީ މިހާރު ބަނޑުބޮޑު ކަމަށާއި ދެމީހުން ވެސް ދަރިފުޅަށް އިންތިޒާރުކުރަމުން އަންނަ ކަމަށެވެ. އަދި އެދެމީހުން ވެސް ތިބީ ވަރަށް އުފަލުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ އެހެން ބުނި ނަމަވެސް ޒޭން އާއި ޖީޖީ އެކަމާމެދު އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މި ދަރިފުޅުވެގެންދާނީ ދެމީހުންގެ ވެސް އަލަތު ދަރިފުޅަށެވެ.
ވަން ޑިރެކްޝަން ބޭންޑުން މަގްބޫލުކަމެއް ހޯދި ޒޭން އާއި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 އަހަރެވެ. ދެ ފަންނާނުން 2018 ވަނަ އަހަރު ރުޅިވިއިރު އެކަން ވަނީ ދެ މީހުން ވެސް ކަށަވަރުކޮށްދީފައެވެ.
ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ދެމީހުން އަލުން ގުޅުނުކަން ހަބަރުތަކުން ރިޕޯޓްކުރި ނަމަވެސް އެކަން ޔަގީންވީ ލޯބިވެރިންގެ ދުވަހު ޖީޖީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީއަށް ޒޭން މާލިކްގެ ފޮޓޯއެއް ލުމުންނެވެ.
ޖީޖީ ވަނީ ޒޭންއާ ރައްޓެހިވުމުގެ ކުރިން ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާ ލޯބީގެ ގޮތުން ގުޅިފައެވެ. ޒޭން ވެސް ވަނީ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ ރައްޓެހިވެގެން އުޅުމަށް ފަހު 2015ގައި ރުޅިވެފައެވެ.