އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 27، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 25، އަށް ކުއްޖަކު ލިބެން އުޅޭކަން ޖީޖީ ކަށަވަރުކޮށްދީފި އެވެ.
ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ އެކަން ކަށަވަރުކޮށްދިނީ ޖިމީ ފެލަން ޓޯކް ޝޯގައެވެ. ޖީޖީ އެކަން ކަށަވަރުކޮށްދިނުމާ އެކު ފެލަން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ. އަދި އެ ޝޯ މެދުވެރިކޮށް އެކަން ޔަގީންކޮށްދިން ކަމަށްޓަކައި އޭނާ ވަނީ ޖީޖީއަށް ޝުކުރުއަދާކޮށްފަ އެވެ.
"އަހަރެމެން މި ތިބީ ވަރަށް ހިތްހަމަޖެހިފައި. ވަރަށް އުފާވެފައި. އަސްލު ވަރަށް އުފާވޭ މީހުންގެ މެސެޖުތައް ކިޔާލާފައި،" ޖީޖީ ބުންޏެވެ.
ޖީޖީ ބުނީ ދަރިއަކު ލިބުމަކީ ލިބޭ ބޮޑު ނިއުމަތެއް ކަމަށާއި ކޮންމެ ދުވަހު އާ ތަޖުރިބާއެއްކުރަން ޖެހޭ ކަމަށެވެ.
ވަން ޑިރެކްޝަން ބޭންޑުން މަގްބޫލުކަމެއް ހޯދި ޒޭން އާއި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 އަހަރެވެ. ދެ ފަންނާނުން 2018 ވަނަ އަހަރު ރުޅިވި އިރު އެކަން ވަނީ ދެ މީހުން ވެސް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިއަހަރު ފެބްރުއަރީ މަހު އެދެތަރިން އަނެއްކާ ގުޅުނުކަން ހާމަކޮށްދިނީ ޖީޖީ އެވެ.