އެސްބީއައިގެ ހިދުމަތްތަކަށް ހާއްސަ އެޕްލިކޭޝަނެއް

އެސްބީއައި ހުޅުމާލެ ބްރާންޗް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

"ޔޯނޯ" އެޕްލިކޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުން ބުނީ މި އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މުހިންމު ބައިވަރު ހިދުމަތްތައް ލިބޭނެ ކަމަށެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި އެކައުންޓްގެ ބެލެންސް ބަލައިލުން، އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވުން، އެހެން ގައުމުތަކަށް ފައިސާ ފޮނުވުން، އެހެން ބޭންކްތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވުން އަދި ޑޮލަރު ރޭޓު ބަލައިލުން ހިމެނެ އެވެ.

އެ ބޭންކުން ބުނީ ވަސީލަތްތައް ފަހިވާ މިންވަރަކުން އާ ހިދުމަތްތައް އެޕްލިކޭޝަނުން ލިބޭނެ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ޕޭމަންޓް ގޭޓްވޭ ސިސްޓަމް ބޭނުންކުރަން ފެށުމުން ޔޯނޯއަށް އިތުރު ހިދުމަތްތައް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގައި ކުރިން ވެސް ބޭނުންކުރަމުން އަންނަ ޔޯނޯ އެޕްލިކޭޝަން ރާއްޖޭގައި ލޯންޗުކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެސްބީއައިއިން ބުނީ ޔޯނޯ ލޯންޗުކުރި ފަހުން ދުވާލަކު އެވަރޭޖްކޮށް 250 މީހުން އެ އެޕްލިކޭޝަން ޑައުންލޯޑު ކުރާ ކަމަށެވެ. އަދި މިހާރު އެޕްލިކޭޝަން ޑައުންލޯޑުކުރި މީހުންގެ ޖުމްލަ އަދަދު 3800އަށް އަރާފައިވާ ކަމަށް އެސްބީއައިއިން ބުންޏެވެ.

މި އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ.

ކޮވިޑް19އާ ގުޅިގެން އެސްބީއައިގެ ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް އެ ބޭންކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން މާޗު މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ހިނގާ ހަ މަސް ދުވަހުގެ މުއްދަތުގައި އެ ބޭންކުގެ ހުރިހާ ލޯނުތަކުގެ އިންޓްރެސްޓް ވަނީ ފަސްކޮށްދީފަ އެވެ.

މީގެ އިތުރުން މިހާރު ޑެބިޓް ކާޑުން އޮންލައިން ވިޔަފާރި ކުރެވޭނެ ކަމަށާއި ކުރިން މި ހިދުމަތަށް އިތުރު ޗާޖެއް ނެގި ނަމަވެސް، މިހާރު އިތުރު ޗާޖެއް ވެސް ނުނަގާނެ ކަމަށް އެސްބީއައިއިން ބުނެ އެވެ.

ހަމައެއާއެކު އެކައުންޓް ހުޅުވުމުގައި ވެސް ލުއިގޮތްތަކެއް އެސްބީއައިއިން ވަނީ ފަހިކޮށްދީފަ އެވެ. ކުރިން ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވަން 10،000ރ މަދުވެގެން ޑިޕޮސިޓް ކުރަން ޖެހެ އެވެ. ނަމަވެސް އެ އަދަދު ވަނީ 5،000ރ އަށް ކުޑަކޮށްފަ އެވެ.

ޑޮލަރު އެކައުންޓެއް ހުޅުވަން ކުރިން 2،000 ޑޮލަރު ޑިޕޮސިޓް ކުރަން ޖެހުނު ނަމަވެސް، މިހާރު 500 ޑޮލަރުން ޑޮލަރު އެކައުންޓެއް ހުޅުވޭނެ އެވެ.

comment ކޮމެންޓް