ކޭން ޓޮޓެންހަމްގައި މަޑުކުރަނީ

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން--- ފޮޓޯ: ދިއެޓްލެޓިކް

މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ބަދަލުވާން މަސައްކަތް ކުރި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ.

ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު އޮތް ކޭން ވަނީ އާސީޒަނަށް އޭނާ ސީޓީއަށް ބަދަލުވާން ބޭނުންވާކަން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއަށް އަންގާފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތައް ފަހު ލިބުނު ޗުއްޓީ ހަމަވުމުންވެސް ކޭން ޓޮޓެންހަމްގެ ފަރިތަކުރުންތަކަށް ނިކުމެފައެއް ނުވެއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ސިޓީއަށް ބަދަލުވުމަށް ޓޮޓެންހަމްގެ މެނޭޖްމަންޓަށް ޕްރެޝަރު ކުރުމުގެ ގޮތުން އޭނާ ކުރިކަމެކެވެ.

ކޭން މިސީޒަނުގައި ޓޮޓެންހަމްގައި މަޑުކުރާނެކަން އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް އިއުލާންކޮށްފައެވެ. ކޭން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓޮޓެންހަމް ސަޕޯޓަރުންގެ މެސެޖުތަކައް ޝުކުރު އަދާކުރާ ކަމަށާއި އޭނާގެ ފޯކަސް ހުރީ މިސީޒަނުގައި ޓީމާއެކު ކާމިޔާބީ ހޯދުމަށް ކަމަށެވެ.

ބުދަ ދުވަހު އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މިއީ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި މިއީ އެންމެވެސް އަޑު އަހަން ބޭނުންވި ހަބަރު ކަމަށެވެ.

"މިކަންތައް މިނިމުނީ ކޭން މަޑުކުރާނެ. މިއީ ވަރަށް އުފާވެރި ހަބަރެއް. ކޭން އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ކުރިއަށް މިއޮތް ސީޒަނަށް ލިބޭ ހިތްވަރެއް މޮޅު ކުޅުންތެރިން ތިބުމަކީ" ނޫނޯ ބުންޏެވެ.

މެންޗެސްޓާ ސިޓީއިން ވަނީ ޖޫން މަހު 100 މިލިއަން ޕައުންޑުގެ ބިޑެއް ޓޮޓެންހަމްއަށް ހުށައަޅާފައެވެ. ނަމަވެސް އެއްބަސްވުމަކާ ހިސާބަށް އާދެވޭ ގޮތެއް ނުވިއެވެ.

ޓޮޓެންހަމްއިން ބޭނުން ވަނީ ކޭންއަށް 120 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހުށައެޅުމެކެވެ. ނަމަވެސް ޖެކް ގްރީލިޝް 100 މިލިއަން ޕައުންޑަށް އެސްޓަން ވިލާއިން ސޮއިކޮށްފައިވުމާއެކު ޓޮޓެންހަމްއިން ބޭނުންވާ އަގު މިޓްރާންސްފާ ބާޒާރުގައި ހުށައަޅަން ސިޓީއަށް ވަނީ ދަތިވެފައެވެ.

comment ކޮމެންޓް