ކުޑަފަރީގައި އިތުރު މިސްކިތެއް ސިޔާމް އަޅުއްވައި ދެއްވަނީ

ކުޑަފަރީ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ހަދާ އާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސިޔާމް -- ފޮޓޯ/ މުޙައްމަދު ހައްޔާން

ނ. ކުޑަފަރީން: އަޙްމަދު ސާއިލު ޢަލީ

ނ. ކުޑަފަރީއަށް އުފަން، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ޚަރަދުގައި މިރަށުގައި އިތުރު މިސްކިތެއް އެޅުމަށް މިއަދު ބިންގާ އަޅައިފިއެވެ.

މި ރަށު ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ހަދާ އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ، ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސަންގެ ޗެއާމަން، ސިޔާމެވެ. އެ މިސްކިތަށް ކިޔަނީ މަސްޖިދުލް މުޙައްމަދު ޤާސިމްއެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.

މިސްކިތާ ގުޅޭގޮތުން ސިޔާމް ވިދާޅުވީ މިއަދު ފެށިގެން ދިޔަ މަސައްކަތަކީ މި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އެހެންކަމުން މިއަދަކީ ކުޑަފަރީ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް،" ސިޔާމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 100 މީހުން ޖާގައިގެ މި މިސްކިތް ހަދަނީ މިރަށު ކުރީގެ ހުކުރު މިސްކިތް އަސްލަކަށް ބަލައިގެން އެ ޑިޒައިނަށެވެ. އާ މިސްކިތުގައި ދަތުރުވެރިންނަށް ފެންވެރޭނެ އިންތިޒާމާއި މަޑުކޮށްލައިގެން ތިބެން ވެސް ޖާގައެއް ހަދަން ވަނީ ނިންމައިފައެވެ.

މިއަދު ބިންގާ އެޅި މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ފަސް ވަރަކަށް މަސް ތެރޭގައި ނިންމައި ބޭނުން ކުރެވޭނެ ކަމަށް މި ރަށު ކައުންސިލުން ބުންޏެވެ.

މިހާރު މި ރަށުގައި ދެ މިސްކިތެއް ހުރެއެވެ. އޭގެ ތެރެއިން ބޮޑު މިސްކިތަކީ ސިޔާމްގެ މަންމަގެ ހަނދާނުގައި އަޅުއްވައިދެއްވި މަސްޖިދުލް ޝަމީމާ ޢަބްދުﷲއެވެ. ދެން ހުންނަނީ ރައްޔިތުން އެޅި މިސްކިތެކެވެ.

ދެހާސް ބާރަ ވަނަ އަހަރު ބޭނުން ކުރަން ފަށާފައިވާ މަސްޖިދުލް ޝަމީމާގައި ގާތްގަނޑަކަށް 750އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭއިރު އަންހެނުން ނަމާދު ކުރުމަށް ޚާއްޞަ ބަޔަކާއި ޤުރުއާން ކްލާހަކާއި ހިނަވާގެއެއް ވެސް އެ މިސްކިތުގައި ހިމަނާފައިވެއެވެ.

މުޅިން އޮރެންޖު ކުލަ ހިމަނައިގެން ބިނާކޮށްފައިވާ މަސްޖިދުލް ޝަމީމާ ޢަބްދުﷲ މިސްކިތުގައި އެހެން މިސްކިތްތަކާ ހިލާފަށް "ޝަމީމާ ހިޔާ"ގެ ނަމުގައި ޕާކެއް ހިމަނާފައިވެއެވެ. އަދި ސުނާމީއާއި އުދަ އެރުން ފަދަ ގުދުރަތީ ބޮޑެތި ކާރިސާތަކުގައި ކުޑަފަރީ ރައްޔިތުން ސަލާމާތްވުމަށް ރަށުގެ އާބާދީ އެކުގައި ޖަމާވެ ޚިދުމަތް ލިބިގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނަވަސް "ސޭފް ޓެރެސް"އެއް ވެސް އެ މިސްކިތުގައި ހަދާފައިވެއެވެ.

މީގެ އިތުރުން ވެސް ފެންއަރުވާ ވަޑާމަކާއެކު ކުރިބޯށި ހިމެނޭ މުންނާރެއްވެސް ހުންނަ އެ މިސްކިތުގައި އެކި ހާލަތްތައް މެދުވެރިވުމުން މިސްކިތް ބޭނުން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް