ޔޯގާ ހަމަނުޖެހުން: ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލި މައްސަލަ ބަލާ ނިމިއްޖެ

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

މިދިޔަ މަހުގެ 21 ވަނަ ދުވަހު، ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަމުން ދަނިކޮށް ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލައި ބަޔަކު އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ފުލުހުން އޭރު ދެމުންދިޔަ ސެކިއުރިޓީއާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަ ބަލާ ނިމިއްޖެއެވެ.

ޔޯގާ ހަމަނުޖެހުމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއް އޮތްކަމަށް ފުލުހުން އެއްބަސްވެ ފުލުހުންގެ ތެރޭގައި އެ މައްސަލަ ބެލުމަށް ހަމަ އެ ދުވަހު ނިންމިއެވެ.

އެ ދުވަހު ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ ސެކިއުރިޓީން އަމަލުކުރި ގޮތުގެ ކަންބޮޑުވުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވެސް ފާޅުކުރެއްވިއެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ބަލަން ހިންގާ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އިންކުއަރީއާ ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހު މިއަދު "ސަން"އަށް ވިދާޅުވީ މިހާރު އެ މައްސަލަ ބަލާ ނިމިފައިވާކަމަށެވެ.

"އިންކުއަރީގެ ރިޕޯޓް ވާނީ ސީޕީ އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ވެސް ހިއްސާކޮށްފަ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ބެލުމުން ފާހަގަވި ކަންކަން ހާމައެއް ނުކުރެއެވެ.

ޔޯގާ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސަބްކޮމިޓީއެއް އުފައްދައި އެ މައްސަލަ ދަނީ ބަލަމުންނެވެ. އެހެންކަމުން އެދުވަހު ކަންތައް ހިނގައިދިޔަ ގޮތާއި ގުޅޭ ގޮތުން ފުލުހުން ދޭން ޖެހޭ މައުލޫމާތު ސަބްކޮމިޓީއަށް ދީފައިވާނެ ކަމަށްވެސް ޔޫނުސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެ މައްސަލާގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު ހަތް މީހަކު ވަނީ މިހާރު ބަންދުން ދޫކޮށްލާފައެވެ.

comment ކޮމެންޓް