ނުކިޔަވާ ހުރެ، ފަތުވާ ދިނުން ހުއްޓައިލުމަށް ނަޝީދަށް، ޒައިދު ގޮވައިލައްވައިފި

ޝެއިހު އަލީ ޒައިދު --

ދީނީ ޢިލްމު ހާސިލް ކުރައްވައިގެން ނޫން ގޮތަކަށް ފަތުވާ ދެއްވުން ހުއްޓަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް, ދީނީ ޢިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ގޮވައިލައްވައިފިއެވެ.

ޝައިޚު ޒައިދު މިކަމަށް ގޮވައިލެއްވީ އަދާލަތު ޕާޓީން އާއްމުކުރި "އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ"، މި ރިޕޯޓާ ގުޅުވައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގެ ރައްދުގައެވެ.

ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ބުނާ، ދަންނަ ބޭކަލުންގެ ޢިޖުމާއުއެއް ނެތް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

ޝައިޚު ޒައިދު ވިދާޅުވީ ނުކިޔަވާ ހުރެ، ފަތުވާ ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ. މީގެ އިތުރުން ޒައިދު ވަނީ ނަޝީދަށް ތިން ސުވާލެއް ވެސް އަމާޒު ކުރައްވައިފައެވެ. އޭގެ ތެރޭގައި ދީނީ ޢިލްމު ހާސިލު ކުރެއްވެވީ ކޮންތާކުންތޯ އާއި ދީނުގެ އުސޫލުތައް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށްތޯ އައްސަވާފައިވެއެވެ.

"ކޮންތާކުންތޯ ދީނީ އިލްމު ހާސިލު ކުރެއްވީ؟. ދީނުގެ އުސޫލުތައް އެނގެނީ ކިހާ ވަރަކަށްތޯ؟. އަޤީދާގެ މައްސަލަތަކާއި ޢިޖުމާއާ، ޤިޔާސާ، ފިޤުހީ އެކި މައްސަލަތަކުގައި މީޒާންކޮށް ޤިޔާސް ކުރައްވަން ދަސްކުރެއްވީ، ދީނީ ކޮން ޔުނިވާސިޓީއަކުންތޯ؟،" ޒައިދު ސުވާލު ކުރެއްވިއެވެ.

އަދާލަތު ޕާޓީން ނެރުނު ދިރާސާ ކަރުދާހުގައި ވަނީ ޔޯގާގެ އަސްލު އައިސްފައި ވަނީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ކަމަށެވެ.

އެ ދިރާސާގައި ބުނާ ގޮތުން ޔޯގާގައި ބުދު ދީނުގެ އިރުޝާދާއި ފިކުރުތަކުގެ ތެރެއިން ވާ ކަންތައްތަކެއްވެއެވެ. އެގޮތުން ޔޯގާ ހަދާ އިރު، ހެދުމެއް ނުލާ ހުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

މީގެއިތުރުން ޔޯގާ ހެދުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްސަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއެކު ޔޯގާ ހަދާއިރު، ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތަށް ޚާއްސަ ކަލިމަތަކެއް ކިޔަން ޖެހޭކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ. އަދި ކިޔަން ޖެހޭ ލަފްޒުތަކަށް ބަލާއިރު އިރަށް ދެވިފައިވާ ނަންތައް ކިޔާއިރު މަތިވެރި ކުރުމާއެކު ބޯލަނބާ އަޅުވެތިވާ ކަން ބަޔާންކުރަން ޖެހޭ ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެއެވެ.

comment ކޮމެންޓް