ޔޯގާ ހަރާމް ކަމަށް ރާއްޖޭގެ 100އަށް ވުރެ ގިނަ ޝެއިހުން ވެގެން ފަތުވާއެއް ނެރެފި

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ 100އަށް ވުރެ ގިނަ ޝެއިހުން ވެގެން ފަތުވާއެއް ނެރެފިއެވެ.

އެ ފަތުވާ ނެރެފައި ވަނީ 'އިލްމުވެރިންގެ ގުޅުން' ޖަމިއްޔާގެ ދިރާސާ ކޮމިޓީން މިދިޔަ މެއި މަހުގެ 15އިން މިމަހުގެ 18 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ އިލްމީ ދިރާސާއެއްގައި ނިންމި ގޮތުގެ މައްޗަށް ބިނާކޮށެވެ.

އެ ފަތުވާގައިވާ ގޮތުން، ހިންދޫން ދީނީ ގޮތުން 'ޔޯގާ' އެ ނަން ބޭނުންކުރަނީ ހަށިގަނޑާއި ސިކުނޑިއާ ގުޅުވުމުގެ މާނައިގައެވެ. އަދި އިންސާނާ އިލާހާ ގުޅާލައި އޭނާގެ ނަފުސު އިލާހިއްޔަތަށް ބަދަލުކުރުމަށް ނުވަތަ އިލާހީ ހިކުމަތަށް އޭނާ ވާސިލުވުމަށް ކަމަށް ފަތުވާގައިވެއެވެ.

އެހެންކަމުން ހިންދޫންނަށް ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ، ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށް އެ ފަތުވާގައިއެވެ. އެގޮތުން މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫހާނީ ބައި ހިމެނޭ ފިކުރީ ބަޔާއި ބޭރުފުށަށް ފެންނަ އަމަލީ ބައާއި މައިގަނޑު ދެ ބައި ޔޯގާގައި އޮންނަ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، ޔޯގާ ހަދަން ޖެހޭ ކަމަށް ބުދު ދީނުގެ އަހުލުވެރީންނާއި އެ އަގީދާގެ އިސް މީހުން ދެކެނީ، އިންސާނާގެ ރޫޙު ނެތި ފަނާވެ ދިޔުމުން ސަލާމަތް ކޮށްދެނީ، އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް އެ ރޫޙު ބަދަލުވެގެން ކަމަށް ބަލައިގެން ކަމަށާއި ޔޯގާއަކީ ރޫހު އެހެން ހަށިގަނޑަކަށް ބަދަލުވުމުގެ ތަމްރީނެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށް ފަތުވާގައިވެއެވެ.

ޔޯގާއަކީ ބުދު ދީނުގެ މީހުންނަށް މުހިންމު ހަރަކާތަކަށްވާ އިރު ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފު ކުރުމުގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް ބުދު ދީނަށް މީހުންގެ ލޯބި ޖެއްސުން ކަމަށް ފަތުވާގައިވެއެވެ. އަދި އެއީ އެ ދީނަށް މީހުން ވެއްދުމަށްޓަކައި، ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި، ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށް ވެސް ބުނެފައިވެއެވެ.

އެފަދަ އުކުޅުތައް ބޭނުންކޮށްގެން ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފަތުރަން ފަސޭހަވި ނަމަވެސް، ރޫހާނީ ހުރިހާ ބާރެއް ގުޅިފައި ވަނީ މާތް ރަސްކަލާނގެއާ ކަން މުސްލިމުން ގަބޫލު ކުރާތީ މުސްލިމުން އެހާ ވަރަށް ޔޯގާ ބަލައިނުގަންނަ ކަމަށް ފަތުވާގައިވެއެވެ.

އެހެންކަމުން، މުސްލިމުންގެ ތެރޭގައި ޔޯގާ ފަތުރަނީ އޭގައިވާ އަގީދާއާ ގުޅޭ ބައިތައް ވަންހަނާ ކުރުމަށް ފަހު، އެއީ ހަމައެކަނި ޖިސްމާނީ ހަށިގަނޑާއި ނަފުސަށް ހުރި ސިއްހީ ފަރުވާއެއް ކަމަށް ދައްކައިގެން ކަމަށް ފަތުވާގައިވެއެވެ.

އެ ފަތުވާގައިވާ ގޮތުން ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޔޯގާ އިސްލާމީ ޝަރިއަތާއި ދީނުގެ އަސްލުތަކާ ކަނޑައެޅިގެން ޚިލާފުވުން ހިމެނޭ ކަމަށް ހުކުމުގައިވެއެވެ.

އޭގެ ތަފުސީލުތައް ކަމަށް ފަތުވާގައި ހިމަނާފައި ވަނީ:

1- ތައުހީދުގެ އަގީދާއާ ފުށުއަރާ ޝިރުކުގެ އަމަލުތައް ކަމުގައިވާ، އިރަށް އަޅުކަން ކުރުމުގެ އަމަލުތައް ޔޯގާގެ އަސްލުގައި ހިމެނިފައިވުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
﴿وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ج لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾ (سورة فصلت: 37)
މާނައީ: "ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް ސަޖިދަ ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި اللَّه އަށް ސަޖިދަކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ".

2- ބުދަށް އަޅުކަންކުރާ މީހުންނާއި އެދީނުގެ އަގީދާއާ ގުޅޭ ކަންކަމުގައި އެއްގޮތްވުމާއި އެމީހުން އުޅޭ ގޮތަށް އުޅުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވުން

އެހެން ދީންތަކުގެ މީހުންނާ ވައްތަރުވުން ހަރާމްކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (سنن أبي داوود:4031)، މާނައީ: "ބަޔަކާ އެއްގޮތް ވެއްޖެ މީހާ ވަނީ އެމީހުންގެ ތެރެއިންނެވެ".

3- އެއްވެސް އެއްޗެއް ނުލައި ހުސްގަޔާ ހުރެ، ބައެއް އަމަލުތައް ކުރުން، ޔޯގާގެ އަސްލުތަކުގެ ތެރޭގައި ހިމެނިފައިވުން

4- މުސްލިމުން އެކަން ކުރާއިރު، ހަގީގަތުގައި އެކުރެވެނީ ކޮންކަމެއްކަން ނޭނގޭ އަދި އެކަންކަމުގެ ހަގީގަތްތައް ވަންހަނާ ވެގެންވާ ވަރަށް ގިނަ ހަރަކާތްތަކާއި ހުއްޓިހުރުންތައް ޔޯގާގައި ހިމެނިފައިވުން

މީގެ އިތުރުން، ޔޯގާގެ ތެރޭގައި ކުރެވޭ ބުއްދި ހުސްކުރުން (މެޑިޓޭޝަން)އަކީ އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއް ނޫން ކަމަށް ފަތުވާގައިވެއެވެ. އޭގެ ސަބަބުތައް ކަމަށް ބަޔާންކޮށްފައި ވަނީ:

1- ޔޯގާ މެޑިޓޭޝަންގެ ބޭނުމަކީ ސިކުނޑި މުޅިން މަޑު ޖައްސާލުން. އަދި ކަންކަމާ މެދު ވިސްނުން މުޅިން ނެތިކޮށްލައި އެންމެހާ ވިސްނުމަކާ ދުރަށް ޖެހިލުން

2- ޔޯގާ މެޑިޓޭޝަންގެ މަގުސަދަކީ އިލާހީ ނޫރަށާއި ޣައިބުގެ އާލަމަށް ވާސިލުވުން. އަދި އިލާހަށް ބަލައި އެ އިލާހާ އެކުވުން ނުވަތަ އެމީހުންގެ އިސް ފާދިރީން ބުނާ ގޮތުން ތިމާ އިލާހަކަށް ބަދަލުވުން

3- ބުދު ދީނާއި ހިންދޫން ބޭނުން ކުރާ މުގައްދަސް ކަލިމައެއް ނުވަތަ އިލާހީ ނަންތަކުގެ ތެރޭގައި ހިމެނޭ ނަންތަކާއި އިބާރާތްތައް ޔޯގާ މެޑިޓޭޝަންގައި ކިޔުން

4- ޔޯގާ މެޑިޓޭޝަނަކީ ބުދު ދީނުގެ އަސާސީ ކަމަކަށްވުން

5- ޔޯގާ މެޑިޓޭޝަނަށް ސާންސްކްރިތު ބަހުން ކިޔަނީ "ދިހްޔާނާ". އިނގިރޭސި ބަހަށް މި ލަފުޒު ތަރުޖަމާކޮށްފައި ވަނީ "މެޑިޓޭޝަން"އަށް. އަދި އަރަބި ބަހަށް ތަރުޖަމާކޮށްފައި ވަނީ "އައްތައައްމުލް" އަށް. މި ތަރުޖަމާއަކީ ކަމުގެ އަސްލާ ޚިލާފަށް ކޮށްފައިވާ ނުރަނގަޅު ތަރުޖަމާއަކަށްވުން. އެއީ ޔޯގާގައި ބުއްދި ހުސްކުރުން މާނަ ކުރާ ގޮތާއި 'މެޑިޓޭޝަން'އާއި 'އައްތައައްމުލް' ލަފުޒުން ދޭހަވާ މާނައާ ދިމާ ނުވާތީ. އެ ދެ ލަފްޒުގެ އަސްލު މާނައަކީ ކަމަކާ މެދު ފުންކޮށް ވިސްނުން. އެހެނަސް ޔޯގާގައި އޮންނަ ގޮތަކީ ސިކުނޑިން ވިސްނުން މުޅިންހެން ހުއްޓާލުން. އަދި ތަރުޖަމާ ތަފާތު ކޮށްފައި ވަނީ އެނޫން ދީންތަކުގެ މީހުންނަށް ޔޯގާގެ ތަސައްވުރު ރީތިކޮށްދީ އެކަން އެބައިމީހުންގެ މެދުގައި މަގުބޫލުކުރުވުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން

އެހެންކަމުން ޔޯގާގެ ހަރަކާތްތަކުގެ ތެރޭގައި ޞަރީޙަ ކުފުރު ހިމެނޭކަން ސުންނަތް ޖަމާއަތުގެ އިލްމުވެރިންގެ ދެބަސްނުވާނެ ކަންތައްތަކާއި ވިސްނާ ފިކުރުކުރުމަށާއި ސިކުނޑީގެ ބޭނުންކުރުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވައިފައިވާ ޝަރުޢީ އަމުރުފުޅުތަކާ ފުށުއަރާ ކަންކަން ހިމެނޭ ކަމަށް ފަތުވާގައިވެއެވެ.

ޔޯގާ ހަރާމް ނޫން ކަމަށް ވިދާޅުވާ ބޭފުޅުން ފަތުވާ ދެއްވުމުގައި ކަމުގެ އަސްލު ދެނެގަތުމަށާއި، ހަގީގަތް ނޭނގި ފަތުވާ ނުދެއްވުމުގެ އުސޫލަށް އަމަލުކުރައްވާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ފަތުވާގައިވެއެވެ.

ހަމައެއާއެކު، ޔޯގާގައި ހިމެނޭ އިސްލާމީ ޝަރީއަތާ ޚިލާފު ބައިތައް ހަރާމްވާނެ ކަމަށާއި ނަމަވެސް އެބައިތައް ދޫކޮށްލުމުން އިސްލާމީ ޝަރީއަތާ ޚިލާފު ނުވާ ބައި ހުއްދަކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭރުން އެ ހުއްދަވަނީ ޔޯގާގެ އަސްލާއި އުސޫލުތައް ބޭރު ކުރުމަށްފަހު ކުރެވޭ ކަސްރަތުތައް ކަމަށާއި އެ ހާލަތުގައި އެ ހަރަކާތްތަކަށް ޔޯގާގެ ނަމުން ނަން ދިނުމުގެ ބޭނުން ވެސް ކެނޑިގެން ދިޔައީ ކަމަށް ހުކުމުގައިވެއެވެ.

ވީމާ، އެބޭފުޅުން ވެސް އެ ވިދާޅުވަނީ ޔޯގާ ހުއްދަ ނޫން ކަމަށާއި އެހެންކަމުން ޔޯގާއަކީ ހުއްދަ ކަމެއްކަމަށް ބުނެވޭ ރައުޔެއް މުސްލިމުންގެ އިލްމުވެރިންގެ ތެރޭގައި ހަގީގަތުގައި ނެތް ކަމަށް ފަތުވާގައިވެއެވެ.

އެހެންކަމުން އަގީދާގެ ކަމެއްގެ ގޮތުގައި ވިޔަސް ނުވަތަ ނަކަލުކުރުމުގެ ގޮތުން ކަމަށް ވިޔަސް ނުވަތަ ބުދުދީނުގެ މީހުން މުސްލިމުންނަށް އެ މަންޒަރު ކުރަހައިދީފައިވާ ގޮތަށް ގަބޫލުކޮށްގެން އެއީ ކަސްރަތެއްކަމަށް ދެކިގެން ކަމަށް ވިޔަސް ޔޯގާގެ އަމަލުތައް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށް ހުކުމުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް