ޑެންގީ އިޖާބަ ހަރަކާތުން މަދިރި އާލާވާގޮތަށް ހުރި ބޮޑެތި ތަންތަން ދެނެގަނެފި

ޑެންގީ ހުން އިތުރުވަމުން އަންނަ ދުވަސްވަރަކަށް ވާތީ، މަދިރި ނައްތާލުމަށް ހުޅުމާލޭގައި އެޗްޑީސީން ކުރިއަށް ގެންދިޔަ ބޮޑު ހަރަކާތުން މަދިރި އާލާވާގޮތަށް ހުރި ބޮޑެތި ތަންތަން ދެނެގަނެފިއެވެ.

އެޗްޑީސީން ހުޅުމާލޭގައި "ޑެންގީ އިޖާބަ"ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ އެ ހަރަކާތް ފަށާފައިވަނީ ހެނދު 07:00ގައެވެ.

އެ ހަރަކާތް ނިންމާލުމަށް ފަހު އެޗްޑީސީގެ މީޑިއާ އޮފިޝަލް، އަލީ މަޝާރު މިއަދު "ސަން"އަށް ވިދާޅުވީ އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ނުވަ ވަރަކަށް ސަރަހައްދު ސާފްކުރި ކަމަށެވެ.

"ނުވަ ޓީމަކަށް ބަހާލައިގެން. މަދިރި އާލާވާގޮތަށް ހުރި ތަންތަން ހޯދުމުގެ މަސައްކަތް ކުރީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ހަރަކާތުގައި މަދިރި އާލާވާގޮތަށް ހުރި ބޮޑެތި ތަންތަން ވަނީ ދެނެގަނެވިފައެވެ. އަދި އެތަންތަނަށް ކްލީނިން ޓީމުން ފަހުން ކެމިކަލް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި ނައްތާލުމަށް އެ ކުންފުނިން އިންތިޒާމް ކުރި އެ ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް މި އަހަރު ވިއްސާރަކުރުން އިތުރުވެފައި، މަދިރި އާލާވެ އަދި ޑެންގީ ހުން ފެތުރުމުގެ ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.

"އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވާޅުތައް އެޅުމަށް، ސަރުކާރުންނާއި އެޗްޕީއޭއިން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ބައިވެރިއަކަށްވެ އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުލަބުން އިންތިޒާމު ކުރެވިގެން މިދާ އިވެންޓުގައި މުޅި ހުޅުމާލޭގައި ފެން ހެދި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ސާފުކުރެވިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެޗްޑީސީގެ ކްލީނިން ޓީމުންނާއި އޮޕަރޭޝަންސް ޓީމުން މިހާރުވެސް ހުޅުމާލޭގައި އެގޮތަށް ހުރި ތަންތަން ދެނެގަނެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ގިނަ އަދަދެއްގައި ކުޑަ ކުދިންނާއި ބޮޑެތި މީހުން ރިޕޯޓް ކޮށްފައިވާ ކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށާއި އެކަމަށް އެންމެވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ މީހުން އެކަމަށް ހޭލުންތެރިކުރުވާ އެކަން ފަށައިގަތުމަށް އެޅޭ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހަމައެއާއެކު އެކަމަކީ ހަމައެކަނި އެންމެ ދުވަހެއްގެ ކަމަކަށް ނުހަދައި އަބަދުވެސް ކޮންމެ މީހަކު ވެސް ދިރިއުޅޭ މާހައުލަކީ ސާފުތަނަކަށް ހަދައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ރީތި އާދަ އެންމެންގެ ކިބައިގައި އަށަގަތުވުމަކީ ކުރައްވާ އުއްމީދެއް ކަމަށް އާތިފް ވިދާޅުވިއެވެ.

މިއަދު އެޗްޑީސީން މަދިރި ނައްތާލުމުގެ ހަރަކާތެއް ބާއްވާފައިވާއިރު، ޑެންގީ ހުން އިތުރުވާތީ އެޗްޕީއޭއިން ވަނީ ބައްޔަށް ސަމާލުވެ އަދި ރައްކާތެރިވުމަށް އެދި އިލްތިމާސްކޮށް ބަޔާނެއް ވެސް ނެރެފައެވެ.

އެޗްޕީއޭއިން އެ ބަޔާން ނެރެފައިވަނީ، ޑެންގީ ޖެހިގެން މި މަހު އެކަނި ވެސް ހަތަރު މީހުން މަރުވެ، އާއްމުންގެ ކަންބޮޑުވުން އިތުރުވުމުންނެވެ.

އެގޮތުން ދާދި ފަހުން އަށް އަހަރުގެ ކުޑަ ކުއްޖަކު ޑެންގީ ޖެހިގެން މަރުވެފައިވާއިރު 19 އަހަރުގެ ޒުވާނަކު ވެސް ވަނީ ޑެންގީ ޖެހިގެން މަރުވެފައެވެ.

މީގެ އިތުރުން މި މަހުގެ 11ވަނަ ދުވަހު، 21 އަހަރުގެ ޒުވާނަކާއި ނުވަ އަހަރުގެ ކުޑަ ކުއްޖަކު ވަނީ ޑެންގީއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ.

comment ކޮމެންޓް