ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލު ބަދަލަކާ ނުލައި ފާސް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 70 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވިއިރު އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާހުގައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އެ ބިލަށް މިއަދުގެ ކޮމިޓީ ވަގުތުގައި އަށް އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ހަތަރު އިސްލާހު ހުށަހެޅުއްވީ ނައިފައިރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް އެވެ. އަނެއް ހަތަރު އިސްލާހު ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

މެމްބަރު ޝިޔާމް ހުށަހަޅުއްވާފައިވަނީ ނަގާ ޓެކުހަށް ބަދަލެއް ނުގެނެއުމަށެވެ. މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވަނީ މެދުމިނެއްގެ ބަދަލެއް ގެނައުމަށެވެ. އެ އަށް އިސްލާހު ވެސް ފާސް ނުކުރުމަށް ކޮމިޓީގައި ނެގުނު ވޯޓުގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުތައް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އެ މެމްބަރުން ވަނީ ބިލު އޮތް ގޮތަށް ފާސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

https://sun.mv/169638

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ އެ ބިލު އޮތްގޮތަށް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެ، ބިލު އޮތް ގޮތަށް ފާސް ކުރަން ވޯޓު ދެއްވާފައެވެ. ބިލު އޮތް ގޮތަށް ފާސް ކުުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ނުކޮށްފި ނަމަ އިގްތިސާދަށް ލިބެމުންދާ ކުރިއެރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ވުމާއެކު އެތެރޭގެ އާމްދަނީ އިތުރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އޭރަކު އިގްތިސާދީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން ދަނީ އަޅަމުން ކަމަށެވެ.

https://sun.mv/169596

އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން ނުކޮށްފިނަމަ އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިގެން ދާނެ ކަމަށެވެ.

"އެ ހުއްޓާލީމަ ދެން ދިމާވާ ކަމަކީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރައިދާ މިންވަރު އިތުރަށް ދަށް ވެގެންދާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިހާރު އޮތް ޖީއެސްޓީ އަދި ޓީޖީއެސްޓީއާއި ގުޅޭ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް ކަމުގައި ވާއިރު ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނާއި އާއްމުން ވެސް އަންނަނީ ޓެކްސް ބޮޑުކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެނިހެން ގޮތްގޮތުން ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުން މާ ރަނގަޅު ވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް