ގަވާއިދުން ހުއްޓާލުމެއް ނެތި މިހާރު ކަސްރަތު ކުރަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ. ނަމަވެސް ދުވަސްތަކެއް ވީއިރުވެސް ބަރުދަނަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. މިއީ ކަސްރަތު ކުރުމަށް ގިނަ ބަޔަކު ޑީމޯޓިވޭޓްވެސް ވާ ކަމަކެކެވެ.
އާންމުކޮށް ކަސްރަތު ކުރަމުން ދިޔަ ނަމަވެސް ބަރުދަން ލުއި ނުވުމަކީ ބައެއް މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. މީގެ ފަހަތުގައި ސަބަބުތަކެއް ވެދާނެއެވެ. އެހާ ކަންބޮޑު ނުވާށެވެ. މިއީ ފަސޭހައިން ދެނެގަނެ ހައްލު ކުރެވިދާނެ ކަމެކެވެ.
މާ ގިނައިން ކާޑިއޯ ޖެއްސުން
ކާޑީއޯ އަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ. ހިތުގެ ސިއްހަތު ދުޅަހެޔޮކަން މަތީގައި ބެހެއްޓުމާއި ރަނގަޅަށް ދާހިއްލުމަށްޓަކައި ކާޑިއޯއަކީ ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް ކަސްރަތައް ހަމައެކަނި ކުރާ ކަމަކީ ކާޑިއޯ ކަމަށް ވާނަމަ ނުވަތަ މާ ގިނައިން ކާޑިއޯ ހަދާނަމަ އޭގެ ސަބަބުން ފައިދާ ލިބޭ ވަރަށް ވުރެ ވާނީ ގެއްލުމެވެ.
ގެއްލުން މިތާގައި މި ފާހަގަކުރަނީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް އޭގެ ނަތީޖާ ނުފެންނަ ބީދައިންނެވެ. އެއީ މާ ބޮޑަށް ކާޑިއޯ ޖައްސާނަމަ އިންސާނާގެ ހަށިގަނޑު ފަރިތަވާނީ އެންޑިއުރެންސް އަށެވެ. އެންޑިއުރެންސް އަށް ހަށިގަނޑު ފަރިތަވީމާ ހަށިގަނޑުގައި ސަރުބީ ރައްކާ ކުރާނީއެވެ. އެއީ ގިނަ ވަގުތު ކާޑިއޯ ޖެއްސުމަށް ހަކަތަ ފޯރުކޮށްދިނުމަށް އެއްކުރާ ސަރުބީއެވެ. މީގެ ނަތީޖާއަކަށް ވާނީ މީހާގެ ބަރުދަން ލުއި ވުމުގެ ބަދަލުގައި އިތުރަށް ބޮޑުވުމެވެ.
ހަށިގަނޑަށް ރެސްޓު ނުދިނުން
ކަސްރަތު ކުރާއިރު އިންސްޓްރަކްޓަރުން އެންމެ ފުރަތަމަ ވެސް ދޭނެ އެއް ނަސޭހަތަކީ ބްރޭކް ދުވަސް ނެގުމަށެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ އޭގެ ސަބަބުން ހަށިގަނޑަށް ރިކަވާ ވުމަކަށް ވަގުތެއް ނުލިބެއެވެ. މިއީ ކަސްރަތު ކުރުމަށް ވުރެ ވެސް ބައެއް ފަހަރަށް މުހިއްމު ކަމެކެވެ.
އެހެންވީމާ ކަސްރަތު ކުރާ ދުވަހުގެ އަނެއް ދުވަހު ކަސްރަތުން ރެސްޓެއް ނަގާށެވެ. ނުވަތަ ހަށިގަނޑުގެ އެކި ބައިތަކަށް ފޯކަސް ކޮށްގެން ކަސްރަތު ކުރުމަށް ހަނދާން ކުރާށެވެ. މިސާލަކަށް އެއް ދުވަހަކު ފައިގެ ކަސްރަތު ކުރާއިރު އަނެއް ދުވަހަކު ބަނޑަށް ފޯކަސް ކުރާށެވެ.
ރަނގަޅަށް ނުނިދުން
ކަސްރަތާ އެއްވަރަށް ނިންޖަކީ ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެކެވެ. ވަގުތު ހުންނަ ގޮތުން ގަޑި ހަމަކޮށްގެން ނިދި ހޯދުމަކީ ބައެއް ފަހަރު އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ޝެޑިއުލަށް ބަދަލު ގެނެސްގެން ނަމަވެސް ނިދި ހަމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ހަށިގަނޑު ކަސްރަތައް ފަހު ރިކަވަރީ އަށް ވަށް މުހިއްމު ކަމަކެވެ.