އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި ގަދަ ހިފުމަކަށް ގޮސް ބީޖީން ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރިއިރު މަސްއޮޑި ޓައިޓަންސްއިން ސީދާ ދެ ގޭމުން މޮޅުވެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ކުޅުނު ފަސްވަނަ މެޗުގައި ބައްދަލުކުރީ ބީޖީ ނިއު ޖެނަރޭޝަން އާއި ކުޑަ ހެންވޭރު ޔުނައިޓެޑު ލަޔަންސްއެވެ.
އެ މެޗުގެ ފުރަތަމަ ގޭމުގައި ކުޑަހެންވޭރު ލަޔަންސްް ބޭރުން އެރިއިރު، އެ ޓީމުން އެ ގޭމު ކާމިޔާބުކުރީ 11-9 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ގޭމުގައި ބީޖީން ބޭރުން އަރައި އެ ޓީމުން ވަނީ އެ ގޭމު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 8-6 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ އަނެއް ބުރަށް ބީޖީ ދަތުރުކުރީ މެޗުގެ ނަތީޖާ ނެރެން ކުޅުނު ގަދަ ހިފުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީގެ ހުސައިން ރިލުވާންއެވެ.

މަސްއޮޑި ޓައިޓަންސްއާޢި އެސްޑީޒެޑް ޖޫނިއާސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
ރޭގެ ހަވަަނަ މެޗުގައި ބައްދަލުކުރީ މަސްއޮޑި ޓައިޓަން އާއި އެސްޑީޒެޑް ޖޫނިއާސްއެވެ. އެ މެޗުގެ ފުރަތަމަ ގޭމުގައި މަސްއޮޑިން އެތެރެއަށް ވަދެ 20-2 ގެ ނަތީޖާއަކުން ވަނީ އެ ގޭމު ކާމިޔާބުކޮށްފައެވެ. ދެވަނަ ގޭމުގައި މަސްއޮޑި ޓައިޓަންސްއިން ވަނީ ބޭރުން އަރައި 6-5 ގެ ނަތީޖާއަކުން އެ ގޭމު ކާމިޔާބުކޮށް ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ބައިބަލާ ޗެލެންޖުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު ކުޑަ ހެންވޭރު ޔުނައިޓޭޑާ ބައްދަލުކޮށް ޓީސީ ފްރެޓާނިޓީން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. ދެވަނަ މެޗުގައި ވީކޭ ސްޕޯޓްސްއިން ވެސް އީގަލްސް ޕީކޭގެ މައްޗަށް މޮޅެއް ހޯދީ ސީދާ ދެ ގޭމުންނެވެ. އަދި ތިންވަނަ މެޗުގައި ވޯންޓެޑާއި ވާދަކޮށް މަސްއޮޑި ވޯވޯ މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ހުޅުމާލެ ސްޕޯޓްސް ކުލަބުން ވަނީ ޓީނޭޖް ވެޓަރެންސް ބަލިކޮށްފައެވެ.
މިރޭ ކުޅުނު ހުރިހާ މެޗަކީ ވެސް ނޮކްއައުޓް މެޗުތަކަކަށްވުމުން މެޗުތަކުން މޮޅުވި ޓީމުތަކަށް ވަނީ ގަދަ 16 އިން ޖާގަ ލިބިފައެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 އަކީ ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މުބާރާތެކެވެ. ޖުމުލަ 34 ޓީމަކާއެކު މިފަހަރުގެ ބައިބަލާ ޗެލެންޖު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ހުޅުމާލޭގައެވެ.
މި އަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.