ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި ގަދަ 16 ގެ ފަހު ޖާގަތައް ލޮރެންޒޯ ސްޕޯޓްސް އާއި ޔުނައިޓެޑް އީސްޓް ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަދި އެމްސީ ސްޕޯޓްސް އިން ހޯދައިފިއެވެ.
ޖުމްލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިރޭ ފުރަތަމަ ކުޅެފައިވަނީ ފުރަތަމަ ބުރުގެ ފަހު މެޗުތަކެވެ. އެ މެޗުތަކުން މޮޅުވި ހަތަރު ޓީމަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުޅުމާލެ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސްއެވެ. ބައިބަލާގެ ތަޖުރިބާ ހުރި ލޮރެންޒޯ އިން އެ މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. ލޮރެންޒޯ އިން ފުރަތަމަ ގޭމް 5-6 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 3-19 އިންނެވެ.
ފުރަތަމަ ގޭމްގައި ހުޅުމާލެ ޔުނައިޓެޑް ފެށީ އެތެރެއިންނެވެ. އެޓީމުން ފުރަތަމަ އެރި ލޮރެންޒޯގެ ކުޅުންތެރިޔާ ހިފެހެއްޓި ނަމަވެސް، ލޮރެންޒޯ އިން ފަހުން ފޭބީ ހުޅުމާލެ ޔުނައިޓެޑްގެ ހަ ކުޅުންތެރިން ގޮވައިގެންނެވެ. އެ މެޗުގެ ފުރަތަމަ ގޭމް ލޮރެންޒޯ އިން ނިންމާލީ ތިން މިނެޓުގެ ތެރޭގައެވެ. ދެވަނަ ގޭމްގައި ވެސް އެތެރެއިން ލޮރެންޒޯ އިން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. ވަގުތު ހަމަވި އިރު، ހުޅުމާލެ ޔުނައިޓެޑަށް ބޭރުކުރެވުނީ ލޮރެންޒޯގެ ތިން ކުޅުންތެރިއެކެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި ހައްހާ ވީކޭ އާއި ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް
މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހައްހާ ވީކޭ އާއި ޔުނައިޓެޑް އީސްޓް ކޯސްޓެވެ. އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ ޔުނައިޓެޑް އީސްޓް ކޯސްޓެވެ. ޔުނައިޓެޑް އީސްޓް ކޯސްޓުން ފުރަތަމަ ގޭމް 8-4 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 16-2 އިންނެވެ.
އެ މެޗުގެ ފުރަތަމަ ގޭމްގައި އެތެރެއިން ފެށީ ވީކޭއެވެ. އީސްޓް ކޯސްޓުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ވަގުތު ހަމަވުމުގެ ކުރިން ވީކޭގެ އަށް ކުޅުންތެރިޔަކު ބޭރުކޮށްލިއެވެ. ދެވަނަ ގޭމްގައި އީސްޓް ކޯސްޓުން އެތެރެއިން ފެށީ ވެސް މާ ވަރުގަދަކޮށެވެ. ވީކޭއަށް ދެވަނަ ގޭމްގައި ގެންދެވުނީ އީސްޓް ކޯސްޓްގެ އެންމެ ދެ ކުޅުންތެރިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި ޓީސީ ސްޕޯޓްސް އާއި ދަ ވަން ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް
މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ބައިބަލާގައި ކާމިޔާބު ޓީމެއް ކަމަށްވާ ޓީސީ ސްޕޯޓްސް އާއި ދަ ވަން ސްޕޯޓްސްއެވެ. އެ މެޗު ޓީސީ ސްޕޯޓްސް އިން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. ޓީސީން ފުރަތަމަ ގޭމް 6-5 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 11-9 އިންނެވެ.
އެ މެޗުގައި ޓީސީގެ ވަރުގަދަކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ފުރަތަމަ ގޭމްގައެވެ. އެ ގޭމްގައި ޓީސީގެ އެއް ކުޅުންތެރިޔަކު ވަނީ އެއްފަހަރާ ހަތަރު ކުޅުންތެރިޔަކު ބޭރުކޮށްލައިފައެވެ. ދެވަނަ ގޭމްގައި ޓީސީން އެތެރެއިން ވަރުގަދަކޮށް ފެށި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން ވަން ސްޕޯޓްސް އިން މަސައްކަތްތަކެއް ކުރިއެވެ. ވަގުތު ހަމަވި އިރު، ވަން ސްޕޯޓްސްއަށް ގެންދެވުނީ ޓީސީގެ ނުވަ ކުޅުންތެރިއެކެވެ.
މިރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ އެމްސީ ސްޕޯޓްސް އާއި ޓީސީ ކްލެސިކްއެވެ. އެ މެޗު އެމްސީ ސްޕޯޓްސް އިން ގެންދިޔައީ ސީދާ ދެ ގޭމުންނެވެ. އެމްސީން ފުރަތަމަ ގޭމް 7-4 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 11-6 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި އެމްސީ ސްޕޯޓްސް އާއި ޓީސީ ކްލެސިކް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް
ފުރަތަމަ ގޭމްގައި އެތެރެއިން ފެށީ ޓީސީ ކްލެސިކެވެ. އެ ގޭމްގައި އެމްސީން ވަނީ ތަޖުރިބާކާރު ކުޅުންތެރިންތަކަކާއެކު ކުޅެމުންދިޔަ ޓީސީ ކްލެސިކްގެ ހަތް ކުޅުންތެރިޔަކު ބޭރުކޮށްލައިފައެވެ. ދެވަނަ ގޭމްގައި ޓީސީ ކްލެސިކުން އެނބުރި އައުމަށް މަސައްކަތްކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން އެޓީމަށް ބޭރުކުރެވުނީ އެމްސީގެ ހަ ކުޅުންތެރިއެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.