އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް: ކުއާޓާގެ ފުރަތަމަ ޖާގަތައް ބްރަދަހުޑާއި ޓީނޭޖަށް

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ގަދަ 16 ގައި ކްލަބު ޓީނޭޖާއި މަސްއޮޑި ވޯވޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ބްރަދަހުޑް ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖުން ހޯދައިފިއެވެ.

ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިރޭ ވަނީ ގަދަ 16 ގެ މެޗުތައް ފަށައިފައެވެ. މިރޭ ކުޅުނު ގަދަ 16 ގެ މެޗުތަކުން މޮޅުވި ދެ ޓީމަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.

މިރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކްލަބު އެސްޑީޒެޑާއި ބްރަދަހުޑް ސްޕޯޓްސް ކްލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ބްރަދަހުޑް ކާމިޔާބުކުރީ 2-1 ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް 7-6 އިން ބްރަދަހުޑް ގެންދިޔަ އިރު، 5-6 އިން ދެވަނަ ގޭމް ގެންދިޔައީ އެސްޑީޒެޑުންނެވެ. އަދި ގަދަ ހިފުމުގައި ބްރަދަހުޑް މޮޅުވީ 2-1 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ގަދަ 16 ގައި ކްލަބު އެސްޑީޒެޑާއި ބްރަދަހުޑް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

އެ މެޗުގެ ފުރަތަމަ ގޭމްގައި އެތެރެއިން ފެށީ އެސްޑީޒެޑުންނެވެ. ކުރީކޮޅުގައި އެޓީމުން ބްރަދަހުޑްގެ ކުޅުންތެރިން ހިފެހެއްޓުމަށް މަސައްކަތްކުރި ނަމަވެސް ފަހުކޮޅު ގިނަ ކުޅުންތެރިންތަކެއް ގެންގޮސް، ބްރަދަހުޑުން ވަނީ އެ ގޭމް ގެންގޮސްފައެވެ. ދެވަނަ ގޭމްގައި އެސްޑީޒެޑުން ވަރުގަދަ ކުޅުމެއް ދައްކައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބްރަދަހުޑްގެ ހަ ކުޅުންތެރިޔަކު ގެންދިޔައެވެ. ބްރަދަހުޑަށް ހިފެހެއްޓުނީ އެސްޑީޒެޑްގެ އެންމެ ކުޅުންތެރިއެކެވެ.

ގަދަ ހިފުމުގައި ގުރު ދިމާވެގެން ބްރަދަހުޑުން ނިންމީ ބޭރުން ފެށުމަށެވެ. ބްރަދަހުޑްގެ ފުރަތަމަ ކުޅުންތެރިޔާ އަރައި އެސްޑީޒެޑްގެ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، އެސްޑީޒެޑުން އަރައި ވެސް ބްރަދަހުޑްގެ ކުޅުންތެރިޔާ ގެންދިޔައެވެ. ފަހު ހިފުމަށް ވެސް ގުރު ދިމާވެގެން ބްރަދަހުޑުން ނިންމީ ބޭރުން ކުޅޭށެވެ. ދެ ކެޕްޓަނުންގެ ކުރިމަތިލުން ފެނިގެންދިޔަ އެ ހިފުމުގައި ކުރި ހޯދީ ބްރަދަހުޑްގެ ކެޕްޓަނެވެ.

މިރޭ ކުޅުނު ގަދަ 16 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކްލަބު ޓީނޭޖާއި މަސްއޮޑި ވޯވޯއެވެ. އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ ޓީނޭޖެވެ. އެޓީމުން ފުރަތަމަ ގޭމް 7-4 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 15-2 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444"ގެ ގަދަ 16 ގައި ކްލަބު ޓީނޭޖާއި މަސްއޮޑި ވޯވޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

މެޗުގެ ފުރަތަމަ ގޭމްގައި އެތެރެއިން ފެށީ މަސްއޮޑިއެވެ. ޓީނޭޖުން ފުރަތަމަ އެރި ކުޅުންތެރިޔާ މަސްއޮޑިން ހިފެހެއްޓި ނަމަވެސް، ފަހުން އެރި ކުޅުންތެރިން ހިފެހެއްޓިފައެއް ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީނޭޖުގެ އަހުމަދު މުހައްމަދު (އައްމަޑޭ) އެކަނިވެސް ވަނީ އެއްފަހަރާ މަސްއޮޑީގެ ތިން ކުޅުންތެރިޔަކު ބޭރުކޮށްލައިފައެވެ. ދެވަނަ ގޭމްގައި ވެސް ޓީނޭޖު ފެނުނީ ވަރުގަދަކޮށެވެ. ވަގުތު ހަމަވުމުގެ ކުރިން މަސްއޮޑިއަށް އެ ގޭމްގައި ބޭރުކުރެވުނީ ޓީނޭޖުގެ ދެ ކުޅުންތެރިއެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް