ރޮކް އެން ރޯލް މިޔުޒިކްގެ ރާނީ ޓީނާ ޓާނާ މަރުވެއްޖެ

މި ޖީލު ދުށް އެންމެ ވަރުގަދަ އެއް އަންހެން އަޑުގެ ވެރިޔާ، ޓީނާ ޓާނާ މަރުވިއިރު އުމުރަކީ 83 އަހަރެވެ. އެމެރިކާއަށް އުފަން މި ލަވަކިޔުންތެރިޔާ މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު ބުދަދުވަހު ސްވިޓްޒަލަންޑްގެ ޒިޔުރިކް ގައެވެ.

ރޮކް އެން ރޯލް މިޔުޒިކް ގެ އެންމެ ކުރީކޮޅު، 1950ގެ އަހަރުތަކުގައި ޓީނާ ޓާނާގެ މިޔުޒިކީ ހަޔާތް ވަނީ ފަށާފައެވެ. އެނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނޭ "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް" އަކީ 1980 ގެ އަހަރުތަކުގައި މުޅި ދުނިޔެއަށް މަޝްހޫރުވެ ޗާޓުތަކުގެ އެންމެ މަތީ ވަނަތައް ހޯދި ލަވައެކެވެ. މިފަދަ އެތައް ލަވަޔަކާ އެކު 1980ގެ އަހަރުތަކުގައި އެކަނިވެސް ޓީނާ، ހަ ގްރެމީ އެވޯޑް ހާސިލްކުރިއެވެ. އޭގެ ފަހުންވެސް ދެ ގްރެމީ އެވޯޑް ލިބުނެވެ. "ޓިޕިކަލް މޭލް"، "ދަ ބެސްޓް"، "ޕްރައިވެޓް ޑާންސަރ"، "ބެޓަރ ބީ ގޫޑް ޓު މީ" ފަދަ ލަވަތަކަކީ 1980 ގެ އަހަރުތަކުގައި ޓޮޕް ޗާޓްތަކުގެ ކުރިން އަބަދުވެސް ޖާގަ ހޯދާފައިވާ ލަވަތެކެވެ.

1988 ގައި ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ޓީނާ ބޭއްވި ޝޯއަކީ މިހާތަނަށް ދުނިޔޭގައި އެކަކު ދިން ޝޯއަކަށް އެންމެ ގިނަ މީހުން ވަދެފައިވާ ޝޯއެވެ. އެ ޝޯ ބަލަން 180،000 މީހުން ވަނެވެ. ރޯލިންސްޓޯން މަޖައްލާއިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ތަރީންގެ ލިސްޓުން ވެސް ޓީނާ ވަނީ 63 ވަނަ މަގާމު ހޯދާފައެވެ. ލަވަކިޔުމުގެ އިތުރުން ޓީނާ ޓާނާ ވަނީ މަޝްހޫރު އިނގިރޭސި ފިލްމް "މޭޑް މެކްސް ބިޔޯންޑް ތަންޑަރސްޓޯމް" ގައި މެލް ގިބްސަން އާއެކު މުހިއްމު ރޯލެއް ކުޅެފައެވެ.

1980 ގައި ލިބުނު ކާމިޔާބީތަކަށް ފަހު ޓީނާ ދެން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ ސޯލޯ ލަވަ "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް" ނެރެގެންނެވެ. މީގެ އިތުރުން 1984 ގައި ނެރުނު އަލްބަމަ "ޕްރައިވެޓް ޑާންސާ" ވެފައިވަނީ ޓީނާގެ އެންމެ ވިކުނު އަލްބަމަށެވެ. 200 މިލިއަން ކޮޕީ ވިކުނު މި އަލްބަމަށްފަހު ޓީނާގެ ހަޔާތަށް ބޮޑު ބަދަލެއް އައެވެ.

ޖަރުމަންވިލާތުގެ މިޔުޒިކް އެގްޒެކެޓިވް އާވިން ބަކް އާއެކު ދިރިއުޅެންފަށައި 1988 ގައި އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރިއެވެ. އެއަށްފަހު އެމެރިކާ މުޅީން ދޫކޮށްލައި ޔޫރަޕްގައި ދިރިއުޅެން ނިންމިއެވެ.

1990 ގައި ޓީނާ ޓާނާގެ ދެ ސްޓޫޑިއޯ އަލްބަމް އުފެއްދިއެވެ. މި ދެ އަލްބަމްވެސް ރަނގަޅަށް ވިކުނެވެ. 1995ގެ ޖޭމްސްބޮންޑް ފިލްމް "ގޯލްޑަން އައި"ގެ ތީމް ލަވަ ކިޔާފައިވަނީ ވެސް ޓީނާ ޓާނާއެވެ. އެއަށްފަހު 2008 އިން 2009 އަށް ޓީނާގެ ކާމިޔާބު ދުނިޔޭގެ ޓުއާ އެއް ދިނެވެ. އެހާހިސާބުން މިޔުޒިކީ ދުނިޔެއާ ވަކިވެ ޓީނާ އާއި ބަކް ސްވިޓްޒަރލަންޑަށް ދިރިއުޅުން ބަދަލުކޮށް ދުނިޔޭގެ ސަމާލުކަމުން އެކަހެރިވިއެވެ.

ޓީނާ އަށް 2018 ގައި ޞީއްޙީ މައްސަލަތައް ކުރިމަތިވިކަން ނޫސްތަކުގައި ލިޔެފައިވަނިކޮށް ޓީނާގެ ދޮށީ ދަރިފުޅު ޢުމުރުން 59 އަހަރުގައި އެމެރިކާގައި މަރުވި ޚަބަރު ލިބި ޓީނާގެ ބަލިހާލު އިހުނަށް ވުރެ ބޮޑުވިކަމަށް ޚަބަރުތަކުގައި ލިޔެފައިވެއެވެ. އަދި މިދިޔަ އަހަރު ޓީނާގެ ހަގު ފިރިހެން ދަރިފުޅުވެސް ވަނީ މަރުވެފައެވެ.

ޓީނާ ޓާނާ އަކީ ހަމަގައިމުވެސް މިޖީލުގެ 40 އަހަރުން މަތީގެ މީހުންގެ މެދުގައި ވަރަށް މަޤްބޫލުވި ލަވަކިޔުންތެރިއެކެވެ. ޓީނާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ބްރޯޑްވޭ މިޔުޒިކަލް ސްޓޭޖްޝޯ "ދަ ޓީނާ ޓާނާ މިޔުޒިކަލް" އަކީ ވަރަށް މަޝްހޫރުވި ޝޯތަކެކެވެ. ޓީނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިޔުމެންޓަރީ ފިލްމް "ޓީނާ" ވަނީ 2021 ވަނަ އަހަރު އެޗްބީއޯ އިން ރިލީސްކޮށްފައެވެ.

ޓީނާ މަރުވިއިރު ފިރިމީހާ ބަކް އާއި ޓީނާ ބަލަހައްޓައި ބޮޑުކުރި ދެ ފިރިހެން ދަރީން އޭނާގެ ގާތުގައި ތިއްބެވެ. ޓީނާ ޓާނާގެ ވަރުގަދަ އަޑަކީ އަދި ލަވަތަކަކީ ޒަމާންތަކަކަށް ގިނަބައެއްގެ ހަނދާނުގައި ހަރުލާ ހުންނާނެ އަޑުތަކަކާއި ލަވަތަކެކެވެ. ޓީނާގެ ސްޓޭޖް ހަރަކާތްތަކާއި ކުޅަދާނަ ހުށަހެޅުންތަކުން ދުނިޔޭގެ އެތައް ބަޔަކު އުފާކޮށްދިނެވެ. ހިތްހަމަޖައްސައިދިނެވެ. ޓީނާ ޓާނާ އަކީ ހަގީގަތުގައި ވެސް ރޮކް އެން ރޯލް މިޔުޒިކްގެ ރާނީއެވެ.

comment ކޮމެންޓް