ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރަން އާބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި މަހަކީ ވިއްސާރަ ދުވަސްވަރަކަށް ވާއިރު، މި ދުވަސް ވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ވަނީ ފާހަގަވެފައެވެ.
އެ ކަން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާބަންކޯއިން ކުރާ މަސައްކަތެއްގެ ގޮތުން މިހާރު ވަނީ މުޅި ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރަން ފަށާފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު ހުޅުމާލެ ތެރެ ފޮގްކުރާއިރު، މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެއވެެ.
އާބަންކޯއިން ބުނީ ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެ ތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.