ޓީއެފްޖީން ކުޑަކުދިންނަށް ޚާއްސަ ޖިމެއް މާލޭގައި ހުޅުވައިފި

ޓީއެފްޖީގެ "ކިޑްސް ޖިމް"ގައި ތަމްރީނު ސެޝަންއެއް ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ޓޯޓަލް ފިޓްނަސް ގުރޫޕު (ޓީއެފްޖީ)ން ކުޑަކުދިންނަށް ޚާއްސަ ޖިމެއް މާލޭގައި އިއްޔެ ހުޅުވައިފިއެވެ.

އުމުރުން ފަސް އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށް، ހުޅުވި އެ ޖިމުން އެ ކުދިންގެ އުމުރާ ގުޅޭ ގޮތަށް، ކުޅިވަރާ މަޖަލުގެ ތެރެއިން ކަސްރަތުގެ ފައިދާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެ ޖިމް ހުންނަނީ މއ. ހައިވަކަރުގޭގެ ފަސްވަނަ ބުރީގައެވެ.

"މި ޖިމްގެ ވިސްނުމަކަށް ވެފައި އޮތީ، ޖޫނިއާ، ސީނިއާ ކިންޑާގާޓެން އިން ފެށިގެން ގޮސް ގްރޭޑް އަށަކާ ހަމައަށް ފިޒިކަލް އެޑިއުކޭޝަން ޓީޗަރަކާއެއްކޮށް ކަސްރަތު ކުރެވޭނެ ގޮތް [ހޯދައިދިނުން]،" ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން "ސަން" އަށް ވިދާޅުވިއެވެ.

ޓީއެފްޖީގެ "ކިޑްސް ޖިމް"ގައި ތަމްރީނު ސެޝަންއެއް ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި، އަދި ފުރާވަރުގެ ކުދިންނަށް އެކަށޭނަހެން އެ ޖިމުގައި ޖާގަތައް ހަދާފައި ހުންނާނެއެވެ. އަދި ސެޝަންތައް ކުރިއަށް ގެންދަވާނީ ތަމްރީނު ލިބިފައިވާ، ތަޖުރިބާކާރު ޓްރެއިނަރުން ތިބޭނެކަމަށް ވިދާޅުވިއެވެ.

ކަސްރަތުގެ އިތުރުން ވެސް އެތައް ފައިދާއެއް އެ ޖިމުގެ ޕްރޮގުރާމުތަކުން ލިބޭނެ ކަމަށް ޒިނާން ވިދާޅުވިއެވެ.

ޓީއެފްޖީގެ "ކިޑްސް ޖިމް"ގައި ތަމްރީނު ސެޝަންއެއް ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"މިކަން ރާވައިގެން، ޑިވެލޮޕް ކުރަމުން ދިޔަ އިރު މި ޖިމް ހުޅުވުމުގެ މަގްސަދަކީ ކުއްޖާ ސޯޝަލީ އެހެން ކުދިންނާއެކު އެންގޭޖުވުން، ކުއްޖާގެ ކޯޑިނޭޝަން، ހެދިބޮޑުވުމަށް ބޭނުންވާ އެންޑިއުރެންސް، އެރޮބިކް ކެޕޭސިޓީ، ދެން ސްޓްރެންތު މި ހުރިހާ އެއްޗެއް އެކުލެވޭ ގޮތަށް ފިޒިކަލް އެޑިއުކޭޝަން ޓްރެއިނިން ސެޝަންސް ކުރިއަށް ގެންދިއުން" އޭނާ ވިދާޅުވިއެވެ.

ޓީއެފްޖީން ބުނި ގޮތުގައި މިހާރުވަނީ އެ ޖިމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، 3000834، ނަންބަރާ ގުޅައިގެން އަދި އިންސްޓަގްރާމް ޕޭޖުން އެޖިމަށް ގުޅޭނެއެވެ.

comment ކޮމެންޓް