ރާއްޖޭގެ ގައުމީ ނެޓުބޯޅަޓީމާއި ޓީއެފްޖީން މިއަދު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓީއެފްޖީގެ ފަރާތުން ފިޓްނެސް މެނޭޖަރު އާއިޝަތު ޝައްފަ އާއި، ނެޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން، ނާއިބު ރައީސް އާމިނަތު ލީލާ އެވެ.
މި އެއްބަސްވުމަކީ، ގައުމީ ނެޓުބޯޅަ ޓީމުގެ އެތުލެޓިކްސް ހުނަރު އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޓީއެފްޖީން ބުނެއެވެ. އަދި، ކުޅުންތެރިންގެ ޕާފޯމަންސް ވަރުގަދަކޮށް ގައުމީ ނެޓްބޯޅަ ޓީމުގެ ފެންވަރު މަތިކުރުމަކީ ވެސް މަގުސަދެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގައި ކުރިއަރާފައިވާ ފިޓްނަސް ޖަމިއްޔާއެއް ކަމަށްވާ ޓޯޓަލް ފިޓްނަސް ގްރޫޕުން ގައުމީ ނެޓުބޯޅަ ޓީމާ އެކު ޕާޓްނަޝިޕް ހަދާފައި ވަނީ ޓީމުގެ ޑެޑިކޭޓެޑް ސްޓްރެންތު އެންޑް ކޮންޑިޝަނިން ޕާޓްނަރެއްގެ ގޮތުގަ އެވެ.
މި ޓްރެއިނިންގައި ޓީއެފްޖީގެ ތަޖުރިބާކާރު ޓްރެއިނަރުންގެ ޓީމަކުން ގައުމީ ނެޓުބޯޅަ ޓީމާއިއެކު މަސައްކަތްކުރުމަށްފަހު، ކުޅިވަރުގެ ޚާއްސަ ޑިމާންޑުތަކަށް ތައްޔާރުކޮށްފައިވާ ޓްރެއިނިން ޕްރޮގްރާމުތަކެއް ގެންދާނެއެވެ. މީގެ އަމާޒަކީ ކުޅުންތެރިންގެ ޖިސްމާނީ ގާބިލުކަމުގެ ތެރެއިން، ކެތްތެރިކަން އިތުރުކޮށް، ކޯޓުގައި ކުޅުންތެރިން ކުޅޭ ކުޅުން ޖުމްލަކޮށް ރަނގަޅުކޮށް ދަނޑުމަތީގައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަ ކުރުންކަމަށް ވެސް ޓީއެފްޖީން ވަނީ ބުނެފައެވެ.

ގައުމީ ނެޓުބޯޅަ ޓީމާއި ޓީއެފްޖީން އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތު--
މިއަދު މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނެޓުބޯޅަ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ ޓީމަށް ސަޕޯޓު ދިނުމުގައި އެ ކުންފުނިން އެތިބީ ތައްޔާރަށް ކަމަށެވެ.
"ގައުމީ ނެޓްބޯޅަ ޓީމަށް ސަޕޯޓް ދިނުމުގައި މި މުހިންމު ކުރިއެރުން ހޯދުމަށް ޓީއެފްޖީން މިތިބީ ތައްޔާރަށް. މި ޕާޓްނަޝިޕްގެ ސަބަބުން ޓީމު އާ އުސްމިންތަކަކަށް ގެންގޮސް، ރާއްޖޭގައި ނެޓްބޯޅައިގެ މޮޅުކަމުގެ އާ ޒަމާނެއް އުފެދިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް." ޒިނާން ވިދާޅުވިއެވެ.
މީގެ އިތުރުން ނެޓުބޯޅަ އެސޯސިއޭޝަނުގެ ނާއިބު ރައީސް އައިމިނަތު ލީލާ ވެސް މި ޕާޓްނާޝިޕާ މެދު ޝައުގުވެރިކަން ފާޅުކުރައްވާ ވިދާޅުވެފައިވަނީ، ޓީއެފްޖީން އެކަމަށް އެއްބާރުލުން ދިނުމަކީ ޓީމުގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ތަމްރީނު އަދި ވަސީލަތްތައް ފޯރުކޮށްދިނުމަށް ޓީމުން ވަމުންދާ ވައުދާ އެއްގޮތް ކަމެއް ކަމަށެވެ.
ގައުމީ ނެޓުބޯޅަ ޓީމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ފެށުމަށް ހަމޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.