ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އދ.ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވާހަކަފުޅު ދެއްކެވުމާއެކު، ގުޓަރެސް މަގާމުން އިސްތިއުފާ ދެއްވުމަށް އިސްރާއީލުން ގޮވާލައިފިއެވެ.
ޣައްޒާގައި މިހާރު އޮތް ހާލަތަށް ބަލާއިރު، ޑީސަލިނޭޝަން ޕްލާންޓުތަކާއި ހޮސްޕިޓަލްތަކުގެ މެޝިންތައް ހިންގުމަށް ބޭނުންވާ ކަރަންޓު ހޯދުމަށް ތެޔޮ ނުލިބިއްޖެނަމަ، މިރޭގެ ނިޔަލަށް ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ހުއްޓޭނެ ކަމަށް ފަލަސްތީނުގެ ރެފިއުޖީންގެ ރިލީފް އެންޑް ވޯކް އޭޖެންސީން މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
ހާލަތު ގޯސްވުމުގެ ސަބަބުން ގުޓަރެސް ވަނީ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި ޣައްޒާގެ ހާލަތު ކޮންމެ ގަޑިއިރެއް ފާއިތުވާއިރު އިތުރަށް ގޯސްވަމުން އަންނަ ކަމުގައި ގުޓަރެސް ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ ސީއެންބީސީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އދ.ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް -- ފޮޓޯ/ އީޕީއޭ
"ހަމާސް އިން ދިން ހަމަލާއަކަށް ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރުމަކީ އިންސާފެއް ނޫން. ހަމާސްއިން ކުރި ކަމެއްގެ އަދަބެއްގެ ގޮތުގައި އެ ބިރުވެރި ހަމަލާތައް ފަލަސްތީނުގެ ރައްޔިތުންނަށް ދިނުން އިންސާފުވެރިއެއް ނޫން." ގުޓަރެސް އެކްސް ގައި ކުރި ޕޯސްޓަކާ ހަވާލާދީ ސީއެންބީސީން ރިޕޯޓުކުރެއެވެ.
ގުޓަރެސްގެ މި ފާޑުކިޔުންތަކާއެކު، އިސްރާއީލުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ގުޓަރެސް އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި 5000ށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ.