މީދަލާއި މަދިރީގެ އުނދަގޫ ބޮޑުވެ، އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ބޮޑު ތަކުލީފަކަށް

ގަސް އިންދާފައިވާ ބާލިދީއެއްގައި ފެން ހެދިފައި-- ފޮޓޯ/ އާބަންކޯ

ހުޅުމާލޭ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީދަލާއި މަދިރީގެ އުނދަގުލެވެ. މަދިރީގެ ސަބަބުން ބަލި ފެތުރުމުގެ ބިރު އޮތްއިރު މީދަލުގެ ސަބަބުން ވެސް އެތައް ތަކުލީފެއް އަންނަނީ ތަހައްމަލުކުރަމުންނެވެ.

"ކުޑަދޮރުތައް ހުޅުވާފަ ވެސް ނުބެހެއްޓޭ މިހާރު، މަދިރީގެ އުނދަގުލާ ހެދި،" އެއްމެދު އިމާރާތުގައި ދިރިއުޅޭ މީހަކު 'ސަން' އާ ވާހަކަދައްކަމުން ބުންޏެވެ.

އޭނާ ބުނިގޮތުގައި މަދިރީގެ އުނދަގޫ ބޮޑުކަމުން ފްލެޓު ސަރަހައްދުގައި ދަރިން ކުޅެ، ދުވެ ހެދުމަށް ދޫކޮށްލާފައި ވެސް މިހާރު ނުބޭއްތިއްބެއެވެ. އަދި ބައެއް މީހުންނަށް މީދަލުގެ އުނދަގޫ ޖެހިގެން އެކަމުގެ ޝަކުވާތައް ކުރާ ކަމަށް ވެސް ބުންޏެވެ.

މިކަމުގެ ޝަކުވާ އެ އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އާބަންކޯއަށް ވަނީ ލިބިފައެވެ. އެއާއެކު "ހިތްފަސޭހަ ކެމްޕޭން"ގެ ދަށުން ހުޅުމާލޭގެ އެއްމެދު އިމާރާތްތަކުގެ ހުސް ޖާގަތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އާބަންކޯއިން ވަނީ ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުރާ ކަންތައްތަކުގެ ތެރޭގައި މަދިރި އުފެދޭ ތަންތަން ނައްތާލައި، ޕާކިން ޒޯންތައް ތަރައްގީކުރުމާއި، އެ ސަރަހައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެއްޗާއި، ހަރުކޮށްފައިވާ ފެންސު އަދި ގަސް ނުވަތަ ގަސްމުށިތައް ނަގައި ސާފުކުރުން ހިމެނެއެވެ.

ގަސްތަކުގެ މޫ ފެތުރި ޖަންގްޝަން ބެދިފައި-- ފޮޓޯ/ އާބަންކޯ

އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް:

  • މަދިރި އުފެދޭ ގަސް ޕޮޓު ނުވަތަ ފެން ހަރުލާ އެ ނޫންވެސް ތަކެތި ބަހައްޓާފައި ހުރުން.
  • ފެންސު ޖަހައި ބައެއް ސަރަހައްދުތައް ބަންދުކޮށްފައި ހުރުން.
  • ބިމުގައި އިންދާ ބައެއް ގަސްތަކުގެ މޫ ފެތުރި ޖަންގްޝަންތަކާ ހޮޅިތައް ބެދުން.
  • ހުސްޖާގަތަކުގައި ކުނި ޖަމާކޮށްފައި ބެހެއްޓުން.
  • އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރުން.

'ސަން' އަށް މައުލޫމާތުދެމުން އާބަންކޯއިން ބުނީ، އެ ސަރަހައްދުގައި އުޅޭ މީދާ މީހުންގެ ގައިގައި ދަތްއަޅާތީ އާއި އެ ނޫން ވެސް އެފަދަ ޝަކުވާތައް ލިބޭ ކަމަށާއި އެކަން ހައްލުކުރުމަކީ އާބަންކޯއިން ކުރިން ވެސް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.

"ނަމަވެސް ގަސްތައް ނެގުމާއި، ގަސްތައް ސާފުކުރުން ކަހަލަ ކަންކަމަކީ ރައްޔިތުންގެ ރުހުމާއެކު އެދުމުން ކުރެވޭނެ ކަންކަން. އެގޮތުން ޕްލޭން ހެދިގެން އެންމެ ފުރަތަމަ ކޮމިއުނިޓީ އެންމެންނަށް ގުޅީ މީޓިންއަކަށް ވާހަކަ ދައްކާ ޑިސްކަސްކުރަން. އެންމެ ފުރަތަމަ ކޮމިއުނިޓީއަށް ކިޔައިދިނީ މި އަސްލު އިޝޫއަކީ ކޮބައިކަން،" އާބަންކޯއިން ބުންޏެވެ.

"ގަސް އިންދާފަ ހުންނަ ތަންތާ މަދިރި އުފެދޭ ވާހަކަ، ބައެއް ގޭގޭގައި އެބަހުރި ފެންސު ޖަހާފަ ބަންދުކޮށްފަ ވެސް. އެހެންވީމަ މިކަހަލަ ކަންކަން ކިޔައިދީ ފުރަތަމަ އެވެއާ ކުރުން ކުރިއަށް ގެންދިޔައީ."

މި ޕްރޮޖެކްޓުގެ ދަށުން މައްސަލަތަކަށް ހައްލު ހޯދުމަށް ވަކިވަކި ސަރަހައްދުތަކަށް ބަހާލައިގެން ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

"ބައެއް އޭރިއާތަކުގަ އެބަހުރި ބައެއް ގަސްތައް ޖަހާފައި. އެ ބޮޑެތި ގަސްތައް ނަގަން ނިންމީ. އޭރިއާގެ އުޅޭ 80 މީހުންގެ ރުހުމާއެކު މި ބޭނުންވާ ގޮތަކަށް ބަދަލުކުރެވޭނެއޭ. ބައެއް މީހުން އެބަހުރި ފްލެޓްގެ ވަރަށް ބޭރުގައި ގަސް ޖަހާފަ. އޭގެ ސަބަބުން ޖަންގްޝަން ބެދި ވަރަށް ބައިވަރު ކަންކަން ދިމާ އެބަވޭ،" އާބަންކޯއިން ބުންޏެވެ.

މިހާރު އާބަންކޯއިން އަންނަނީ 108 އާއި 112 ވަނަ ފްލެޓުތައް ހުންނަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ފްލެޓުތަކުގެ ކައިރީ އިންދާފައި ހުރި ގަސްތައް ނަގަން 10 ދުވަހުގެ ނޯޓިސްއެއް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފޮނުވާފައެވެ. އަދި 10 ދުވަސްތެރޭ އެ ގަސްތައް ނުނަގާ ނަމަ އާބަންކޯއިން ނަގާނެ ކަމަށް އަންގައިފައިވެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ފްލެޓުތައް ކައިރީ އޮންނަ ސަރަހައްދަކީ ކޮންމެ މީހަކަށްވެސް ނުކުމެ މަޖާކޮށްލެވޭ، ކުޑަކުދިންނަށް ދުވެ އުޅެވޭ ސަރަހައްދަކަށް ހަދަން ޖެހެއެވެ.

comment ކޮމެންޓް