ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން މިހާރު ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތް، އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕެޓިޝަނެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ސީނިއާ ޑިރެކްޓަރު އޮފް ރިސާޗް، އެޑްވޮކޭޝަން، ޕޮލިސީ އެންޑް ކެމްޕޭންސް އެރިކާ ގުއެވާރާ ރޮސާސްއާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އާންމުންގެ ފުރާނަ ގެއްލިގެންދާއިރު، ދުނިޔެ އެކަން ބަލައިގަންނަނީ ބިރުވެރިކަމެއްގެ ގޮތުގައި ކަމަށެވެ. އަދި، މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އިންސާނީ ޖަރީމާއެއް ކަމަށް ވެސް އެރިކާ ވިދާޅުވިއެވެ.
"އިސްރާއީލުގެ ބާރުތަކުން އާބާދީ ބޮޑު ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތަކާއި އެ ނޫން ވެސް ތަންތަނަށް ހަމަލާދެމުންދާއިރު، ޣައްޒާގެ އާންމުންގެ އިތުރުން ހަމާސްގެ ބެލުމު ދަށަށް ގެންގޮސްފައި ތިބި މީހުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި،" އެރިކާ ވިދާޅުވިއެވެ.
އިތުރު މީހުން މަރުވުމުގެ ފުރުސަތު ކުޑަކުރެވޭނީ ހަނގުރާމަ ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދީގެން ކަމަށް އެމްއެންސްޓީން ބުނެއެވެ.
ބައިނަލްއަޤުވާމީ ގަނޫނުތަކާ އިސްރާއީލުން ހިލާފުވެފައިވާ ކަމުގެ ހެކިތަކާއި އެ ނޫން ވެސް ލިޔެކިޔުންތައް އެމްނެސްޓީ އިންޓަނޭޝަނަލްއިން ހޯދާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު އިސްރާއީލަށް ހަމަލާތައް ދޭން ފެށުމުން އެކަމުގައި ބަދަލުގައި ކަމަށް ބުނެއެވެ. ހަމާސް މި އޮޕަރޭޝަން ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންނެވެ.