މާފަންނު ޖަވާހިރުމަގުގައި ހުރި ގެޔެއްގެ ބެލްކަނި މީހެއްގެ ގަޔަށް ވެއްޓިއްޖެއެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 1:18 ކަންހާއިރު ގެއެއްގެ ބެލްކަނި ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބެލްކަނި ވެއްޓުނު ގެ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ
އަނިޔާ ވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ގޭގެ ބެލްކަނި ވެއްޓި ތިރީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އެ ސަރަހައްދުގައި ހުރި "ސަން" ގެ ނޫސްވެރިޔާ މުޙައްމަދު ނާއިލް ހަފީޒު ބުނިގޮތުގައި އެއީ ލަކުޑިން ޑެގު އަޅައިގެން ހަދާފައި ހުރި ބެލްކަންޏެކެވެ.
"ސްޓްރަކްޗާ ވަރަށް ބޮޑަށް ފީވެ، ދަބަރު ޖަހާ ގިނަ ދުވަސް ވެފައި ހުރީ. އެހެންވެ ދުވަސް ވެގެން ވެއްޓުނީ ކަމަށް ބެލެވެނީ،" ނާއިލް ބުންޏެވެ.
ފުލުހުން ބުނީ މި މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެޑިޓަރުގެ ނޯޓް: މީހަކާއެކު ބެލްކަނި ވެއްޓުނު ކަމަށް ކުރިން ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ.