މޫސުމަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ޙާލަތު ގޯސްވުމާއި ދަރަނި އިތުރުވުމުގެ ސަބަބުން 2024 ވަނަ އަހަރު ދުނިޔޭގެ އިންސާނީ ކާރިޘާތައް އިތުރުވާނެ ކަމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރުސީ)ން ބުނެފިއެވެ.
އައިއާރުސީން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އިންސާނީ ކާރިޘާގެ ނުރައްކާ އަންނަ އަހަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރާ އެފްރިކާގެ 20 ޤައުމެއްގެ ނަން ހިމަނާފައެވެ. އެ ރިޕޯޓް އާންމުކޮށްފައިވާއިރު، އިންސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު މިއަހަރު ވަނީ 300 މިލިއަނަށް އަރައިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވި މީހުންގެ އަދަދު ވަނީ 110 މިލިއަނަށް އަރައިފައެވެ.
އެކަމާ ގުޅިގެން އައިއާރުސީގެ ވެރިޔާ ޑޭވިޑް މިލިބަންޑް ނެރުއްވި ބަޔާނެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް އަޙުލުވެރިކުރުވުމަށް ބާރުއެޅުމާއި، އަންހެނުން ބާރުވެރިކުރުމާއި، ގެދޮރު ގެއްލިފައިވާ އާންމުންނަށް ބޭންކުތައް މެދުވެރިކޮށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވައިލައްވައިފައެވެ.
އިންސާނީ ކާރިޘާތަކުގެ ނުރައްކާ އެންމެ ބޮޑު ޤައުމަކަށް އައިއާރުސީގެ ރިޕޯޓުގައި އޮތީ ސޫދާނެވެ. ފަލަސްޠީނު ސަރަޙައްދުތަކާއި ދެކުނު ސޫދާނަކީ ދެން އެންމެ ބޮޑަށް އިންސާނީ ކާރިޘާ އޮންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ޤައުމުތަކެވެ.
އޭގެ ފަހަތަށް ސަބް ސަޙާރާގެ ނުވަ ޤައުމެއް ހިމެނެއެވެ. އޭޝިއާއިން މިޔަންމާ އާއި އަފްޣާނިސްތާން މެދުއިރުމަތީން ސޫރިއާ، ލުބުނާން އަދި ޔަމަން، ޔޫރަޕުން ޔޫކްރޭން ދެކުނު އެމެރިކާއިން އިކުއެޑޯ އާއި ކެރީބިއަން ސަރަޙައްދުގައި އޮންނަ ހެއީޓީއަކީ ލިސްޓުގައި ކުރީގައި އުޅޭ ޤައުމުތަކެވެ.
އެ ސަރަޙައްދުތަކަކީ ދުނިޔޭގެ އާބާދީގެ %10 އިންސައްތައެއްހާ ސަރަޙައްދު ނަމަވެސް ދުނިޔޭގެ އިންސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ 86 އިންސައްތަ މީހުން ދިރިއުޅެނީ އެ ސަރަޙައްދުތަކުގައެވެ. ފަޤިރުކަމާއި މޫސުމީ ނުރައްކާތެރިކަން ކުރުމަތިވާ މީހުންގެ 70 އިންސައްތަ ވެސް ދިރިއުޅެނީ އެ ސަރަޙައްދުތަކުގައި ކަމަށް އައިއާރުސީން ބުނެއެވެ.
ޣައްޒާގެ ވަގުތީ ހިޔާތަކުގައި ގައިންގަޔަށްއަރާ ބަލިތަކުގެ 327،000 ކޭސް
ޣައްޒާގައި ހުންނަ ވަގުތީ ހިޔާތަކުގައި ގައިންގަޔަށްއަރާ ބަލިތަކުގެ 327000 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވެއްޖެއެވެ.
ވަގުތީ ހިޔާތަކުގައި ތޮއްޖެހުމުގެ ސަބަބުން ސާފުތާހިރުކަން ކުޑަވެ، ބަލިތައް ފެތުރި ކާނާ އާއި ސާފު ބޯފެން ވެސް ނުލިބޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
ގައިންގަޔަށް އަރާ ބަލިތަކުގެ 327،000 ކޭސް ސިއްޙީ ފަރުވާދޭ ޓީމުތަކަށް ފެނިފައިވާއިރު، ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ ތަންތަނަށް ގިނަ ބަޔަކަށް ނުދެވުމުގެ ސަބަބުން ކޭސްތަކުގެ އަސްލު ޢަދަދު ކަށަވަރުނުވާ ކަމަށް ވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ ޢިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް 18،608 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު 50،594 ވަނީ އަރައިފައެވެ.
ގައިންގަޔަށް އަރާ ބަލިތައް ޣައްޒާގައި އިތުރުވަމުން އަންނައިރު، ކުޑަކުދިންނަށް ދޭ ވެކްސިން ވެސް ޣައްޒާއިން ހުސްވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޢިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު ރޫޅި ބަލިތައް ފެތުރުމެންދާތީ، ޣައްޒާ މިހާރު އޮތީ ޢާންމު ޞިއްޙަތުގެ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް އދގެ އިންސާނީ ކާރިޘާއާ ބެހޭ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކާއި، ބޭރަށްހިންގުން، އުކުނު، ހަމުގެ ބަލިތައް އަދި ގައިންގަޔަށް އަރައި ފަސޭހައިން ފެތުރޭ ބަލިތައް ޣައްޒާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޣައްޒާގައި ހުރި 36 ހޮސްޕިޓަލްގެ ތެރެއިން ޚިދުމަތް ދެވެނީ އެންމެ 11 ހޮސްޕިޓަލުން ކަމަށް ވެސް ޞިއްޙަތު ޖަމިއްޔާއިން ފާހަގަކުރެއެވެ.