އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ -- ފޮޓޯ/ ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ.

އީސީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުން އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގޮތުން އީސީއަށް މެންބަރުން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ވެސް މެންބަރުން އައްޔަންކުރަންޖެހޭ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި މާއްދާ އިސްލާހުކުރަން ހުށަހެޅި ބިލުގައި ވަނީ އީސީގެ މެންބަރުން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެ ކަމަށް އެދޭ ފަރާތްތައް ހޯދުމަށް އިއުލާނުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި، އީސީގެ މެންބަރުކަމަށް އިޖާބަދޭ މީހުންގެ ނަންތައް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށެވެ.

އެ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބޭފުޅުންނެއް އީސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ.

އީސީގެ ގާނޫނު މިހާރު އޮތް ގޮތުން އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އެ ކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައެވެ. އަދި މަޖިލިސް ޖަލްސާއެއްގައި ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން މަޖިލިސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަން ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއެވެ.

comment ކޮމެންޓް