މަދިރިން ޖެހޭ ބަލިތައް ގިނަވާތީ މާލެއާއި ހުޅުމާލެ ފޮގްކުރަނީ

މަދިރި ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގައި ފޮގް ކުރަނީ -- ފޮޓޯ/ އެޗްޑީސީ

މި ދުވަސްވަރު މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން މާލެއާއި ހުޅުމާލޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ފޮގް ކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އިސްކަމެއް ދިނުމާއެކު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސިޓީގެ އެކި ސަރަޙައްދުތައް ފޮގް ކުރަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން، މާލޭގެ އިތުރުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފައިވެއެވެ.

މި ދުވަސްވަރު ރާއްޖޭގައި ދަނީ ހަލުވިކަމާއެކު ޗިކުންގުންޔާ ފެތުރެމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނެފައިވަނީ އެ ބަލީގެ 134 ކޭހެއް މި އަހަރުގެ މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 129 ކޭހެއް ރިޕޯޓުކޮށްފައިވަނީ ހަމައެކަނި މިދިޔަ މަހުގެ ތެރޭގައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓުކޮށްފައި ވަނީ މާލޭ ސަރަހައްދުން ކަމަށެވެ. އެގޮތުން، މާލޭ ސަރަހައްދުން މި އަހަރު 130 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަތޮޅުތެރެއިން ރިޕޯޓުކޮށްފައި ވަނީ ހަތަރު ކޭހެވެ.

މި ބަލީގައި ރިޕޯޓުކޮށްފައިވާ މިންވަރު އެންމެ ގިނައީ 25 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން 25 އަހަރުން މަތީގެ 115 މީހުން މިބަލި ޖެހިގެން ރިޕޯޓުކޮށްފައި ވާއިރު، 25 އަހަރުން ދަށުގެ 19 މީހުން ރިޕޯޓު ކޮށްފައި ވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ.

މިދިޔަ މާޗް މަހާ އަޅާ ބަލާއިރު، އެޕްރިލް މަހު ޗިކުންގުންޔާ ފެތުރުނު މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މާޗް މަހު މި ބަލީގައި ރިޕޯޓުކޮށްފައި ވަނީ އެންމެ ފަސް ކޭހެއެވެ.

އެ ބަލި ޖެހިއްޖެ ނަމަ އަރާމުކޮށް، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކޮށް، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސިއްހީ ބޭފުޅުން އިރުޝާދުދެއްވައެވެ.

އެޗްޕީއޭއިން އެދިފައިވަނީ ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ބޭހެއް ބޭނުންނުކުރުމަށެވެ. އަދި ހަތް ދުވަހަށް ވުރެ އިތުރަށް ހުން ހުންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މަދިރީގެ ޒަރިއްޔާއިން ޑެންގީ ފަދަ ބަލިތައް ވެސް ފެތުރޭތީ، ވިއްސާރަ ދުވަސްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

comment ކޮމެންޓް