އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝަތްރުގަން ސިންހާ(ސަތަރޭ) އަކީ ސިޔާސީ މައިދާނުގައި މަގުބޫލު ޝަހުސިއްޔަތަކަށްވީ ނަމަވެސް ސިޔާސީ މައިދާނަށް ނުކުތުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ސަތަރޭގެ ދަރިފުޅު ސޮނާކްޝީ ސިންގްހާ ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީގެ ޝޯގައި ވާހަކަދައްކަމުން ސޮނާކްޝީ ބުނެފައިވަނީ މިހާރު ވެސް ފިލްމީ ދާއިރާއިން ފުރުސަތު ލިބުނީ ބައްޕަ (ސަތަރޭ) މެދުވެރިވެގެން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ކަމަށެވެ. އެހެންކަމުން ސިޔާސީ ދާއިރާއާ ގުޅިއްޖެނަމަ އެ ދާއިރާއިން ފުރުސަތު ހޯދީ ބައްޕަ ނުފޫޒު ބޭނުންކޮށްގެން ކަމަށް ކިޔަން ފަށާނެކަމަށެވެ.

ސޮނާކްޝީ ސިންހާ ބައްޕަ ޝަތުރްގަން ސިންހާއެކު--ފޮޓޯ/އިންޑިއާޓީވީ
އެހެން ނޫނަސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންނަކީ މިޒާޖުގެ ގޮތުން ވެސް އާއްމުންނާ ވަރަށް ގުޅޭ ބައެއް ކަމަށާއި އެއާ ޚިލާފަށް ސޮނާކްޝީއަކީ މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް ލޯބިކުރާ މީހެއް ނޫން ކަމަށް ވަނީ ބުނެފައެވެ. ސޮނާކްޝީގެ ބައްޕަ ސިޔާސީ ދާއިރާގައި މަސައްކަތްކުރިއިރު ބައްޕަގެ ސިޔާސީ ހަޔާތް ވަރަށް ގާތުން ސޮނާކްޝީއަށް ފެނިފައިވާ ކަމަށާއި ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ހުނަރެއް ބަތަލާގެ ނެތްކަމަށް މި ޕޮޑްކާސްޓު ޝޯގައި ވަނީ ބުނެފައެވެ.
މި މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ވެބް ސީރީޒް "ހީރާމަންޑީ"ގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާއަކީ އަބަދު ވެސް ވަރަށް އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމުން ސިޔާސީ ދާއިރާއަށް ދިއުމަކީ ހުވަފެނުން ވެސް ދެކެން ބޭނުންވާ ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ސޮނާކްޝީ ސިޔާސީ ދާއިރާއަށް ޝައުގުވެރިކަމެއް ނެތް ނަމަވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ތަރިންނަކީ އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ތަރިންނެވެ.