އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ގޮވައިލައްވައިފިއެވެ.
"ނަތަންޔާހޫ ނަސްލު ނައްތައިލުން ހުއްޓައެއްނުލާނެ." އެކްސްގައި ޕެޓްރޯ ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އަދި ޣައްޒާގައި ސުލްހަ ބެލެހެއްޓުމުގެ ބާރެއް ގާއިމްކުރުމަށް ވިސްނުން ބެހެއްޓުމަށް ވެސް އދ.ގެ ސަލާމަތީ މަޖިލީހަށް ޕެޓްރޯ ވަނީ ގޮވައިލައްވައިފައެވެ.
އެކަމާ ގުޅިގެން ނަތަންޔާހޫ ޕެޓްރޯއަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ 1,200 މައުސޫމު މީހުން ގަތުލުކޮށް، ދިރިތިއްބައި އަންދާލި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، ހަމާސްއަށް ތާއީދު ކުރާ ބަޔަކު އިސްރާއީލަށް ލެކްޗަރު ނުދިނުމަށެވެ.
ޕެޓްރޯ ވަނީ އޭގެފަހުން ނަތަންޔާހޫއަށް ރައްދު ދެއްވައި ނަތަންޔާހޫ އަކީ ނަސްލު ނައްތައިލުމުގެ ބައިވެރިއެއްގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަންނާނެ ކަމަށް ވިދާޅުވެފައެވެ.
އެތައް ހާސް މައުސޫމް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮމުގެ ހަމަލާ ދޭއިރު، ތިމާއަކީ ހީރޯއެއް ނޫން ކަމަށާއި ނަތަންޔާހޫ އަކީ ޔޫރަޕްގައި އެތައް މިލިއަން މީހުން ވެސް މަރައިފައިވާ މީހެއް ކަމަށް ޕެޓްރޯ ވިދާޅުވިއެވެ.
އަދި ކޮންމެ ދީނަކާ ހެދި ކުރި ކަމެއް ނަމަވެސް ނަސްލު ނައްތައިލުމަކީ ހަދާ ގޯހެއް ކަމަށާއި އެންމެ ކުޑަމިނުން އެ ގަތުލު އާންމު ހުއްޓުވަން މަސައްކަތް ކުރުމަށް ޕެޓްރޯ ވަނީ ނަތަންޔާހޫއަށް ގޮވައިލައިފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 35،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.