ސޮނާކްޝީ މި މަހު ކައިވެނި ކުރަނީ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންގްހާ އަދި ދުވަސްވީ ލޯބިވެރިޔާ އެކްޓަރު ޒަހީރު އިގްބާލް މި މަހުގެ ފަހު ހަފުތާގައި ކައިވެނިކުރަން އުޅޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަހީރާއި ސޮނާކްޝީގެ ކައިވެނީގެ ތައްޔާރީތައް މިހާރު ވެސް ފެށިފައިވާއިރު މި ކައިވެނީގެ ހަފުލާ އޮންނާނީ މުމްބާއީގައި މި މަހުގެ 23ވަނަ ދުވަހުއެވެ. ކައިވެނީގެ ގިނަ ހަފުލާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ބަތަލާ ޝިލްޕާ ޝެޓީ ހިންގާ ބަސްޓިއަން ރެސްޓޯރެންޓްގައި ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ސޮނާކްޝީއާއި ޒަހީރުގެ ލޯބީގެ ގުޅުމުގެ ވާހަކަ ބޮޑަށް ދެކެވެން ފެށީ 2022ވަނަ އަހަރު ދެ ތަރިން އެކީގައި ފެނުނު ފިލްމު "ޑަބަލް އެކްސްއެލް"އަށް ފަހުއެވެ. އޭގެ ކުރިން ވެސް ދެ ތަރިންގެ ލޯބީގު ގުޅުމާބެހޭގޮތުން މީޑިއާއިން ޚަބަރު ފެތުރި ނަމަވެސް އެ ކަމަށް ވަކި އެއްޗެއް ދެ ތަރިން ބުނެފައެއް ނުވެއެވެ.

ސޮނާކްޝީ ސިންހާ ވެބް ސީރީސް "ހީރާމަންޑީ"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ސޮނާކްޝީއަށް ލިބިފައިވީ ނަމަވެސް ލޯބިވެރިޔާ ޒަހީރަކީ ކެރިއަރުގައި މާ ބޮޑު މަޝްހޫރު ކަމެއް ލިބުނު އެކްޓަރެއް ނޫނެވެ. އިންޑިއާގެ ވިޔަފާރިވެރިޔާ އިގްބާލް ރަތުނާސީގެ ދަރިފުޅު ޒަހީރަކީ ސޮނާކްޝީގެ އާއިލާގެ މެންބަރުންގެ މެދުގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ މީހެކެވެ. ޚާއްސަކޮށް ސޮނާކްޝީގެ ބައްޕަ އަދި ކުރީގެ ފިލްމީ ތަރި ޝަތުރުގަން ސިންހާއަށް ޒަހީރާ ވަރަށް ގަޔާވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޮނާކްޝީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބަޒާރު"އިންނެވެ.

comment ކޮމެންޓް