ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ސޮނާކްޝީއާއި ޒަހީރު އިގްބާލު ކައިވެނިކޮށްފިއެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ކުރި މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައިވަނީ ސޮނާކްޝީއާއި ޒަހީރުގެ އާއިލާގެ މެންބަރުންގެ އިތުރުން ވަރަށް ގާތް އެކުވެރިންނެވެ.
ސޮނާކްޝީއާއި ޒަހީރުގެ ކައިވެނިކުރިކަން ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ވަރަށް އާދައިގެ ގޮތަކަށް ކުރިއަށްދިޔަ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރުމަށް ފަހު ސޮނާކްޝީ ބުނެފައިވަނީ ލޯބިވެރިޔާ ޒަހީރާއި ދެމީހުންގެ ގުޅުން ފެށުނީ ވެސް މީގެ ހަތް އަހަރު ފަހުން ކަމަށާއި އޭގެ ހަތް އަހަރު ފަހުން ދެ މީހުންގެ ގުޅުން ކައިވެނީގެ ގުޅުމަށް ބަދަލުވެފައިވާ ކަމަށެވެ.
ކުރީގެ މަޝްހޫރު އެކްޓަރު އަދި ސިޔާސީ ލީޑަރު ޝަތުރުގަން ސިންހާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސޮނާކްޝީގެ ކައިވެނި ކުރެވުނީ މުމްބާއީގެ ކޯޓުގައި ވަރަށް އާދައިގެ ހަފުލާއެއްގައެވެ. ފިލްމު އިންޑަސްޓްރީގެ އެހެން ފިލްމީ ތަރިންނާ ޚިލާފަށް ސޮނާކްޝީގެ ފަރާތުން ފެނުނީ ކައިވެނީގެ ހުރިހާ ހަފުލާތަކުގައި ވެސް މާ ގޮތް ބޮޑު ނޫން ގޮތަކަށް މެދުމިނެއްގައި ހެދުން އަޅައިގެން ހުއްޓައެވެ.

ސޮނާކްޝީ ސިންހާ އަދި ޒަހީރު ފިލްމު "ޑަބަލް އެކްސެލް"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
ކައިވެނީގެ ހަފުލާއަށް ފަހު ސޮނަކާޝީއާއި ޒަހީރު ވަނީ ދެމަފިރިންގެ ފަރާތުން އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ޚާއްސަ ހަފުލާއެއް ބާއްވާފައެވެ. މި ހަފުލާ ބާއްވާފައިވަނީ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ދެމަފިރިންގެ ހިއްސާ އޮންނަ ބަސްޓިއަން ރެސްޓޯރެންޓުގައެވެ.
ނެޓްފްލިކްސްގެ ކާމިޔާބު ވެބް ސީރީޒް "ހީރާމަންޑީ"އިން އެންމެ ފަހުން ސޮނާކްޝީ ފެނިފައިވާއިރު ޒަހީރަކީ މިހާތަނަށް ބޮލީވުޑްގައި މާ ބޮޑު ކުރިއެރުމެއް ހޯދިފައިވާ އެކްޓަރެއް ނޫނެވެ. އިންޑިއާގެ ވިޔަފާރިވެރިޔާ އިގްބާލު ރަތުނާސީގެ ދަރިފުޅު ޒަހީރާއި ސޮނާކްޝީ ވަނީ ފިލްމު "ޑަބަލް އެކްސްއެލް"އިން އެކީގައި ފެނިފައެވެ.