އެމެޒޯންއިން އެ ކުންފުނީގެ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލަން ނިންމައިފިއެވެ.
އެމެޒޯންގެ ބާނީ އަދި އެގްޒެކެޓިވް ޗެއާމަން ޖެފް ބެޒޯސް، އެ ކުންފުނީގެ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލަން ނިންމާފައިވަނީ އެމެޒޯންގެ ހިއްސާގެ އަގު ރިކޯޑު އަދަދަކަށް އުފުލުމާ ގުޅިގެންނެވެ.
އަންގާރަ ދުވަހުގެ މާކެޓް ބަންދުވުމަށް ފަހު ހުށަހެޅި ރެގިއުލޭޓަރީ ފައިލިންއެއްގައި ވަނީ 25 މިލިއަން ހިއްސާ ވިއްކާލުމަށް ހުށަހަޅާފައެވެ.
އެ ދުވަހުގެ ސެޝަންގައި އެމެޒޯންގެ ހިއްސާގެ އަގު ވަނީ 200.43 ޑޮލަރަށް އަރާފައެވެ. މިއީ މިހާތަނަށް އެމެޒޯންގެ ހިއްސާގެ އަގު އެންމެ މަތިވެފައިވާ މިންވަރެވެ.
މި އަހަރުގެ ތެރޭގައި އެމެޒޯންގެ ހިއްސާގެ އަގު ވަނީ 30 އިންސައްތައަށްވުރެ މަތިން އުފުލިފައެވެ.
މި ހިއްސާތައް ވިއްކާލުމަށް ފަހު ބެޒޯސްގެ އަތުގައި އޮންނާނީ 912 މިލިއަން ހިއްސާއެވެ. މިއީ އެމެޒޯންގެ މުޅި ހިއްސާގެ 8.8 އިންސައްތައެވެ. ފެބްރުއަރީ މަހު ވެސް ބެޒޯސް ވަނީ 8.5 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައެވެ.
ފޯބްސްގެ ލިސްޓުގައި ވާގޮތުން މި ވަގުތު ޖެފް ބެޒޯސްއަކީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ ސާފު މުދަލުގެ އަގަކީ 214.4 ބިލިއަން ޑޮލަރެވެ.
އެމެޒޯންގެ އިތުރުން ބެޒޯސްއަކީ ބްލޫ އޮރިޖިން ނަމަކަށް ކިޔާ ޖައްވީ ކުންފުންޏެއްގެ ބާނީ ވެސް މެއެވެ. މި ކުންފުނިން ވަނީ މިދިޔަ މޭ މަހު ހަ މީހަކު ޖައްވަށް ފޮނުވާފައެވެ.