ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ރޯކޮށްލައިފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހަނގުރާމަވެރިން ރޯކޮށްލާފައި -- ފޮޓޯ/ޖެޓީ އިމޭޖަސް

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ބައްޕާފުޅު، ހާފިޒް އަލް އަސަދުގެ ޒިޔާރަތުގައި ހަނގުރާމަވެރިން ރޯކޮށްލައިފިއެވެ.

މީޑިއާތަކުން އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހާފިޒްގެ އުފަން ގަރްދާރާގައި ހުންނަ މި ޒިޔާރަތުގައި ހުޅުޖެހިއިރު އެ ތަނުގައި ތިބީ އަސްކަރީ ހެދުމުގައި ތިބި ހަނގުރާމަވެރިންގެ ބައެކެވެ.

އަލިފާން ރޯކޮށްލި ޒިޔާރަތް ހުންނަނީ އަސަދުގެ އަލަވީ ކޮމިޔުނިޓީގެ ބާރުގަދަ ލަޓާކިޔާގައެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ މޮނިޓާއިން ވަނީ ހަނގުރާމަވެރިން އެ ތަނުގައި އަލިފާން ރޯކޮށްފައިވާ ކަމަށް އޭއެފްޕީއަށް އަންގާފައެވެ. ޒިޔާރަތުގެ ބައެއް ހަލާކުވެ، އަލިފާން ރޯވެފައި ހުރިތަން އޭއެފްޕީގެ ފޫޓޭޖުން ފެނިފައިވެއެވެ.

ފަރުބަދައެއްގެ މަތީގައި ހަދާފައިވާ އެ ބޮޑު އުސް ބިނާއަކީ ވަރަށް ތަފާތު އާކިޓެކްޗަރަލް ޑިޒައިނަކާ އެކު، އޭގެ ބޭރުގައި ހިލައިން ޒީނަތްތެރިކޮށްފައިވާ ތަނެކެވެ.

ކުރިން 2،000 ވަނަ އަހަރު ހާފިޒް އަވަހާރަވުމާ ހަމައަށް 30 އަހަރު ވަންދެން ސޫރިއާގައި ވެރިކަން ކުރެއްވިއިރު، އެ މަނިކުފާނުގެ ފަހަތުން ވެރިކަމަށް ވަޑައިގަތީ ދަރިކަލުން ބައްޝާރެވެ. ސޫރިއާގެ އިދިކޮޅު ހަނގުރާމަވެރިން މި މަހުގެ ހަތްވަނަ ދުވަހު ވެރިރަށް ދިމިޝްޤު ހިފުމާ އެކު ބައްޝާރު ވަނީ ފިއްލަވައިގެން ރަޝިއާއަށް ވަޑައިގެންފައެވެ.

ސޫރިއާގައި ދާޚިލީ ހަނގުރާމަ ފަށާފައިވަނީ 2011 ވަނަ އަހަރު، އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އާންމު ރައްޔިތުން ތެދުވުމާ ގުޅިގެންނެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ބުނާ ގޮތުގައި، އެ ހަނގުރާމައިގައި މަރުވެފައިވާކަން ކަށަވަރު ކުރެވޭ މީހުންގެ އަދަދު 507,000 އަށްވުރެ މައްޗަށް އަރައެވެ.

comment ކޮމެންޓް