މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.
ދަރުބާރުގޭގައި ޚިދުމަތް ދޭން ފެށީ، އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ.

މިއަދު ދަރުބާރުގޭގައި ޚިދުމަތް ފެށި އޮފީހެއްގެ މުވައްޒަފެއް ދަރުބާރުގެއަށް ވަންނަނީ ----- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ތިން އިދާރާގެ މުވައްޒަފުން މިއަދު ވަޒީފާއަށް ދަރުބާރުގެއަށް ނުކުތްއިރު އެ އިމާރާތް ވަނީ އޮފީހެއް ގޮތަށް ބަދަލުކޮށްފައެވެ. މިދިޔަ ހަފުތާ ބަންދުގައި ދަރުބާރުގޭ އޮފީހެއްގެ ގޮތަށް ބަދަލު ކުރުމަށް ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އޮފީސްތަކުގެ މުވައްޒަފުންތަކެއް ދަރުބާރުގޭގައި: މިއަދު ދަރުބާރުގޭގައި ޚިދުމަތް ފެށީ ހަތަރު އޮފީހެއްގެ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އޭގެ ސަބަބުން މުހިންމު ލިޔެކިޔުންތައް ގެއްލި ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ފުލުހުން ވަނީ ނިންމައިފައެވެ.