މި މަހުގެ ހަތްވަނަ ދުވަހު އުމުރުން 45 އަހަރު ފުރޭ އިންޑިއާގެ ކުރީގެ ފިލްމީ ތަރި ބިޕާޝާ ބާސޫގެ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އަތުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ބިޕާޝާ ރާއްޖެ އައިސްފައިވާއިރު މި ފަހަރުގެ ދަތުރުގައި ވެސް ފިރިމީހާ/އެކްޓަރު ކަރަން ސިންގް ގްރޯވާ އަދި ދަރިފުޅު ދޭވީ ބައިވެރިވެއެވެ. ބިޕާޝާގެ އުފަންދުވަސް ފާހަގަކުރަން ކުރާ މި ދަތުރުގައި ބަތަލާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޅ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ފުޝިފަރު މޯލްޑިވްސްގައެވެ.
ކަރަންއާއި ބިޕާޝާ ރިސޯޓަށް އައުމުން އެ ރިސޯޓުން މި އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ކަރަން ވަނީ އަމިއްލަ އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން، ދަރިފުޅު ދޭވީ އެ ރިސޯޓުގެ ހިތްގައިމު ގޮނޑުދޮށުގައި ކުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ބަތަލާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ބިޕާޝާ ފިރިމީހާ/އެކްޓަރު ކަރަން އަދި ދަރިފުޅު ދޭވީއާ އެކު ރާއްޖެ އައުމަށްފަހު ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތައް--ފޮޓޯ/އިންސްޓަގްރާމް
އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން ބިޕާޝާއާއި ކަރަން ފާހަގަކުރެވިފައިވަނީ ޗުއްޓީ ދަތުރުގައި ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ތަރިންގެ ގޮތުގައެވެ. ހަމައެއާ އެކު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން އިންޑިއާގެ ބައެއް ފިލްމީ ތަރިން ކެމްޕޭން ކުރަމުންދިޔަ ދަނޑިވަޅު ވެސް ބިޕާޝާ ވަނީ ޗުއްޓީ ދަތުރެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ވެސް ދެފަހަރެއްގެ މަތިން ބިޕާޝާ ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދަރިފުޅު ދޭވީގެ ދެވަނަ އުފަންދުވަސް ފާހަގަކުރުމަށް ވެސް ބަތަލާ ވަނީ ރާއްޖެއަށް އައިސްފައެވެ. އެ ދަތުރުގައި މި އާއިލާއިން ޗުއްޓީ ހޭދަކޮށްފައިވަނީ އޮޒެން ރިޒާވް ބޮލިފުށީގައެވެ.