ފަސް އަހަރު ވަންދެން ގާނޫނީ މައްސަލަތަކަކާ ހެދި ގުޅުން ގޯސްވި ބޮލީވުޑްގެ ބަތަލާ ކަންގަނާއާއި ސްކްރީން ރައިޓަރު އަދި ޅެންވެރިޔާ ޖާވިދު އަހްތަރު ގުޅުން ރަނގަޅުވެ، ސުލްހަވެއްޖެ ކަމަށް ކަންގަނާ ބުނެފިއެވެ.
ޖާވިދު އަހްތަރާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން ކަންގަނާ ބުނީ އަބުރުގެ ދައުވާއަކާ ގުޅިގެން ދެ މީހުން އެކަކު އަނެކަކަށް ހުށަހެޅި ގާނޫނީ މައްސަލައަށް ނިމުމެއް ގެނެސް ސުލްހަވެރިކަން ޤާއިމުކޮށްފައިވާ ކަމަށެވެ.
ޖާވިދަކީ ހީކުރި ވަރަށްވުރެ މީހުންނަށް އޯގާތެރި ރަނގަޅު މީހެއް ކަމަށާއި ކަންގަނާ ޑައިރެކްޓްކުރަން ނިންމާފައިވާ ފިލްމެއްގެ ލަވަތަކުގެ ލިރިކްސް ތައްޔާރުކޮށްދިނުމަށް ވެސް ޖާވިދު އެއްބަސްވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކަންގަނާއާއި ދެކޮޅަށް ޖާވިދު އަބުރުގެ ދައުވާގެ މައްސަލަ ހުށަހެޅީ 2020ވަނަ އަހަރެވެ. ޖާވިދު ތުހުމަތުކުރި ގޮތުގައި ކަންގަނާ ވަނީ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގެ އިތުރުން އިންޑިއާގެ ޤައުމީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ވެސް ޖާވިދުގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާފައެވެ.

ކަންގަނާ ލިޔުންތެރިޔާ/ސްކްރީންރައިޓަ ޖާވިދު އަޚްތަރާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކަންގަނާ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބަތަލާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރާ އެކްޓަރު ރިތިކް ރޯޝަންގެ އާއިލާއާ ގުޅިގެން ދައްކަމުންދިޔަ ވާހަކަތަކަށް ނިމުމެއް ގެންނަން ވެސް ޖާވިދު ކަންގަނާގެ ގާތު އެދިފައިވާ ކަމަށެވެ.
ރިތިކްގެ އާއިލާއާ ގުޅިގެން ކަންގަނާ ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން އެ އާއިލާ ބަދުނާމުވާ ކަމަށާއި އެއީ އިންޑިއާގެ ނުފޫޒުގަދަ އާއިލާއެއް ކަމަށާއި ކަންގަނާ ފަހު ވަގުތު ޖަލަށްދާން ޖެހިދާނެ ކަމަށް ބުނެ ޖާވިދު ބިރުދެއްކި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފައެވެ.
ކުރީގެ އެކްޓަރު ސުޝާންތު ސިންގްގެ މަރާ ގުޅިގެން ކަންގަނާ ވަނީ އެ ދުވަސްވަރު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފަރާތްތަކާ ދެކޮޅަށް އަޑު އުފުލާ އެ މީހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
އެ ދުވަސްވަރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ އިތުރުން އާއްމުންގެ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކަންގަނާއަށް ވަނީ އަމާޒުވެފައެވެ.