އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން މިދިޔަ ސީޒަންގެ ފައިނަލްގައި އެއް ކޮޅުން ވާދަކުރި މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދީ ފަސްވަނަ ބުރުގައި ޕްލީމުތު އާގައިލާ ބައްދަލުކުރި މެޗު ފަހަތުން އަރައި 3-1 އިން ކާމިޔާބުކޮށްގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗަށް ސިޓީން އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރި ޓީމާ އަޅައިބަލާއިރު ގިނަ ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އާންމުކޮށް ފުރަތަމަ 11އިން މީގެ ކުރިން ފެނިފައިވާ ބައެއް މުހިންމު ކުޅުންތެރިން މެޗުގައި ފެނިގެންދިޔައެވެ.
ސިޓީން ގިނައިރު ބޯޅަ ގެންގުޅެ، ޕްލީމުތުގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެ ޓީމުގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވައިފައެވެ. އެހެން އޮއްވައި، ކައުންޓާ އެޓޭކެއްގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. އެ ލަނޑު ޖަހައިދިނީ މެކްސިމް ޓަލޮވިއެރޯވްއެވެ.
އެކަމަކު، އެއީ ޕްލީމުތަށް އުފެއްދުނު ހަމައެކަނި ހަމަލާއެވެ.
އޭގެ ހަތް މިނެޓު ފަހުން ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑާ ނީކޯ އޯރައިލީއެވެ. ސިޓީއަށް 76 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ވެސް އޯރައިލީއެެވެ. ސިޓީން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކެވިން ޑި ބްރުއިނާއެވެ.
މި ކާމިޔާބީއާ އެކު ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާއިރު ބޯންމޯތު، ކްރިސްޓަލް ޕެލަސް އަދި ޕްރެސްޓަން ވެސް ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. މިގޮތުން، ޕެލަސްއާއި މިލްވޯލް ބައްދަލުކުރި މެޗު 3-1 އިން ޕެލަސް ކާމިޔާބުކުރިއިރު ޕްރެސްޓަންއާއި ބާންލީ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ޕްރެސްޓަންއެވެ. އަދި، ބޯންމޯތާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކޮށްފައިވަނީ ބޯންމޯތެވެ.