މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފި

މެންބަރު އަޒާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: މާލިއްޔަތު ކޮމިޓީ އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި -- ފޮޓޯ/ އަޒާން، ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައިފިއެވެ.

އެކަން އިއުލާނުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އެގޮތުން ކޮމިޓީތަކަށް ގެނައި ބަދަލުތަކަކީ:

  • މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހަމަޖެއްސެވުން.
  • އިމްތިޔާޒާ ސުލޫކު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން ހަމަޖެއްސެވުން.
  • ޕެޓިޝަން ކޮމިޓީގައި ޕީއެންސީން ހިމެނިވަޑައިގެންނެވި މެންބަރު އައިފާންގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން ހަމަޖެއްސެވުން.
  • 241 ކޮމިޓީއަށް އަޒާންގެ ބަދަލުގައި މެންބަރު މުހައްމަދު އިސްމާއިލް ހަމަޖެއްސެވުން.

އެ ދެ ކޮމިޓީން އަޒާން ވަކިކޮށްފައިވާއިރު، ސަރުކާރު ހިންގައި ޕީއެންސީގެ އެންގުމާ އެއްގޮތަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ވޯޓު ނުދިން މައްސަލައިގައި މެންބަރު އަޒާން، ޕީއެންސީން ބޭރުކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މަޖިލީސް މެންބަރަކު އިންތިޚާބުވާ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން -- ފޮޓޯ/ ރައީސް އޮފީސް

އެ ބިލަށް ވޯޓު ނުދޭ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން އޮތީ ބުނެފައެވެ. ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގަންނަން ވޯޓަށް އެހި ދުވަހު ޕީއެންސީގެ ދެ މެންބަރަކު ވޯޓުނުދެއްވާ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވިއެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއީ އެއްވެސް މެންބަރަކު އެއްވެސް ފަހަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމަކު، ޖެހިގެން އައި މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރަން އަތްހިތްލައިގެން ވޯޓަށް އަހަނިކޮށް މެންބަރު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނުކުންނަވާފައެވެ.

https://www.sun.mv/203062

އެއާއެކު މިހާރު އޮތީ އަޒާންގެ ގޮނޑި ގެއްލިދާނެކަމުގެ ބިރު ހީވެފައެވެ.

އަޒާން ވޯޓުނުދެއްވި ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު 11:00 ގައި ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

އެހެންވެ، އެ ކޯޓުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޖޭއެސްސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މައްސަލަތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެއެވެ.

އެ ކަމާ ހިތްހަމަނުޖެހިގެން ޕީއެންސީގެ އަޒާން ނިސްބަތްވާ ދާއިރާގެ ސްޓިއަރިން ކޮމިޓީން އޭނާއާ ދެކޮޅަށް ބަޔާނެއް ނެރުނު ނަމަވެސް ޕީއެންސީން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަޒާން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލަށް ވޯޓުނުދިނީ ދުސްތޫރީ މައްސަލައެއް ހިނގަމުންދަނިކޮށް އެ ބަދަލު ގެނައުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ އެހެން އެއްވެސް މަސްލަހަތެއް އިސް ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަޒާންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާއިރު މި ސަރުކާރާ އިދިކޮޅުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި އެހެން ވެސް އިދިކޮޅު އިސް ބޭފުޅުން ވަނީ އަޒާންގެ ގޮނޑި ގެއްލުވާލައިފިނަމަ އަލުން ހޮވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް