ތިން ދުވަސްތެރޭ ފުލެޓު ލިސްޓަށް 600 އަށްވުރެ ގިނަ ޝަކުވާ

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް: ޝަކުވާއަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭ، ފުލެޓު ލިސްޓަށް 600 އަށްވުރެ ގިނަ ޝަކުވާ -- ސަން ފޮޓޯ

ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލިތާ ތިން ދުވަހުގެ ތެރޭ 600އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

ހުޅުމާލޭގައި އަޅާ 4،000 ފުލެޓުގެ ލިސްޓު އިވެލިއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި ލިސްޓުން އުނިވި މީހުންނަށް، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ފުރުސަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް 'ސަން'އަށް އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް އެ ލިސްޓާ ގުޅޭ ގޮތުން 675 ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ، ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 452 ޝަކުވާއާއި ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާއެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފައި އޮތް ގޮތާ މެދު ހިތްހަމަނުޖެހިގެން، ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގޭގައި އިއްޔެ ވަނީ އިހުތިޖާޖެއް ވެސް ކޮށްފައެވެ.

https://sun.mv/203275

ފުލެޓު ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުގެ ފަހުކޮޅު އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފައެވެ.

ހައުސިން މިނިސްޓްރީން އެއިރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ.

މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ ފޯމުތަކެވެ.

comment ކޮމެންޓް