އެޑްވަޓޯރިއަލް: އާބާދީއަށް އަންނަ ބަދަލާއެކު ދެމެހެއްޓިނިވި ޕެންޝަން ނިޒާމެއްގެ ބޭނުން ބޮޑު!

މި ގަރުނުގައި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެެއް މައްސަލައަކީ ދުނިޔޭގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުން ދާ ދިއުމެވެ. އާބާދީ މުސްކުޅިވުމުގެ މާނައަކީ އާބާދީގައި ހިމެނޭ ދޮށީއުމުރުގެ މީހުންގެ އަދަދު ޖުމުލަކޮށް އަދި އެހެން އުމުރުފުރާތަކާ އަޅާބަލާއިރު ގިނަވުމެވެ. މިއީ ދިނުޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން ފާއިތުވި 30 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ މީޑިއަން އޭޖް (މެދު އުމުރު) ވަނީ 16 އަހަރުން 30 އަހަރަށް މަތި ވެފައެވެ.

އާބާދީ މުސްކުޅިވުމަކީ ގިނަ ގޮންޖެހުންތަކެއް އެކުލެވޭ ކަމެކެވެ. އޭގެތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ހާއްސަ ޚިދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއި، އާބާދީގައި ހިމެނޭ މަސައްކަތްކުރާ އުމުރުގެ މިހުންނަށް ބަރޯސާވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވާ އިޖުތިމާއި އަދި އިގުތިސާދީ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ރާއްޖެ މުސްކުޅި އާބާދީއަކަށް މިސްރާބުޖަހާފައިވާއިރު، އެފަދަ އާބާދީއަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމުތައް ގާއިމުކުރުމުގެ މުހިންމުކަން ބޮޑެވެ. މިގޮތުން، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން 2009 ވަނަ އަހަރު ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ތައާރަފުކޮށްފައިވާ ޕެންޝަން ނިޒާމަކީ ފާހަގަކޮށްލެވޭ މުހިންމު އެއް ނިޒާމެވެ.

މިއީ ޕެންޝަން ނިޒާމުތައް ހިންގުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއާއި ބެެސްޓް ޕްރެކްޓިސްއަށް ބަލައި ރާއްޖޭގެ އިގްތިސާދާއި، އާބާދީ އަދި ވަޒީފާގެ ވެއްޓަށް އެކަށޭނަ ސިފަތައް ހިމަނައިގެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މިނިޒާމުގެ ތެރެއިން ގެނެވިފައިވާ ހެޔޮބަދަލުތަކުގެ ތެރޭގައި ޕެންޝަނަކީ ސަރުކާރު މުވައްޒަފުންނަށް އެކަނި ލިބޭ އިނާޔަތެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ރިޓަޔަރކުރާ އެންމެހާ މަސައްކަތްތެރިންނަށް ޕެންޝަން ލިބޭނެ މަގު ފަހިކުރުމާއި، މަސައްކަތްތެރިން ވަޒީފާއަދާކުރާ މުއްދަތުގައި ޕެންޝަނަށް ފައިސާ ރައްކާކޮށް، އެފައިސާ އިންވެސްޓްކޮށްގެން ހިންގޭ ފަންޑެއްގެ ތެރެއިން ޕެންޝަން ދިނުމަށް ބެނުންވާ ފައިސާ ހޯދޭނެ ގޮތް ދުރާލައި ރޭވި ތަރުތީބުވެފައި އޮތުމާއި، މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމުގައި ވަޒީފާދޭ ފަރާތުގެ ބައިވެރިވުން ހޯދުމާއި، ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކުން ރަނގަޅު ނަތީޖާނެރެ ސްކީމުގެ މެންބަރުންނަށް އެކަށޭނަ ޕެންޝަނެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން ހިމެނެއެވެ.

މީގެ އިތުރުން، ރިޓަޔރމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް އެކަށޭނަ ޕެންޝަނެއް ނުލިބޭ މީހުންނާއި ޕެެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ނުލިބޭ މީހުންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސާސީ ޕެންޝަނެއް ލިބޭނެ ގޮތްވެސް ޕެންޝަން މިނިޒާމުގެތެރެއިން ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ރާއްޖޭގައި ޕެންޝަން ދިނުމުގެ ކަންކަން މި ނިޒާމުގެތެރެއިން ގެންދާނަމަ، މަސައްކަތްތެރިން ރިޓަަޔަރކުރާއިރު ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ހުންނާނީ ރައްކާކުރެވިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޕެންޝަން ސޭވިންގް އެއް ނެތް މީހުން މަދުކުރެވި އަސާސީ ޕެންޝަން ދިނުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ ވެސް ކުޑަވެގެންދާނެއެވެ.

އެހެންކަމުން، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއްގެ ތެރެއިން ޕެންޝަން ދިނުމަށް އޮތް ހައްލަކީ ޕެންޝަން ނިޒާމު ފަރުމާ ކުރެވިފައިވާ ގޮތަށް އެނިޒާމު ހިންގުމެވެ. ދަލަތުގެ ޚަރަދުގައި ޑަބަލް ޕެންޝަން ދިނުމާއި، ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ޖަމާކުރަންޖެހޭ އަދަދު މަަދުކުރުމަށް މުވައްޒަފުންގެ އަސާސީ މުސާރަ ކުޑަކުރުމާއި، ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން އެހެން ބޭނުންތަކަށް ޕެންޝަން ފަންޑުން ފައިސާ ނެގުން ފަދަ ކަންކަން ހުއްޓާލުމަކީ ކުރަންޖެހިފައިވާ ކަންކަމެވެ. މިކަންކަން ކުރެވޭނީ، ސިޔާސަތު ކަނޑައެޅުމުގައި ހިމެނޭ ވެރިންނުން ފެށިގެން އާންމު ފަރުދުންގެ ފެންވަރުގައި ޕެންޝަން ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް ބޭނުންވާ ބަދަލުތައް ބަލައިގަނެ އެމަގަށް ޢަމަލުކޮށްގެންނެވެ.

comment ކޮމެންޓް